ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނެ ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލަ ތަހުގީގުކުރަމުންދާ އިރު، އެކަމުގައި ގޯހެއް ހަދާފައި ނުވާނެ ކަމަށާއި އެ ގޯސްހަދާފައިވާ ނަމަ، ތަހުގީގުކޮށް ޝަރީއަތަކަށް ހުށަހެޅުމަށް އޭރު އޮތް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ޗެއާ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކުރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް އޭރު ގެޒެޓުކޮށްފައި ތިބި އެންމެހާ ރައްޔިތުންނަށް އެ ހައްގު ހަވާލު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
"ދޮގު މައްޗަށް ދޮގު ނުހައްދަވާ، އެ ލިސްޓްގައި ގޯސްހުރި ކަމަށް ވިދާޅުވާ އިރު އެ ގޯހެއް ހަދާފައި ވާނީ އެ ލިބިނު ރައްޔިތުންނެއް ނޫން. ގޯސްހެދިޔަސް ހަދާފައި ވާނީ އެ މަސައްކަތް ކުރިބަޔަކު. އެބަޔަކާ ދޭތެރޭ ތަހްގީކުރައްވާ، ސާބިތުވެއްޖެނަމަ އެބަޔަކު ސަރީޔަތަށް ފޮނުއްވާ. އެ ލިބުނު ރައްޔިތުންނަަށް ތަކުލީފުނުޖައްސަވާ،"
އަކުރަމް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރު ކޮއްދިނުމަށް އިސްކޮށް އުޅުއްވި ފަރާތެއްގެ ހައިސިއްޔަތުން އަކުރަމާއި އަދި އޭނާއާއެކު އެ މަސައްކަތުގައި އުޅުނު އެއްވެސް ފަރާތެއް ގަވާއިދާއި އަދި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އަޅުގަނޑު ކެރިހުރެގެން މި ދަންނަވަނީ އަޅުގަނޑެއްވެސް އަދި އަޅުގަނޑާ އެކު މި މަސައްކަތް ކުރި އެއްވެސް ފަރާތެއް ގަވާއިދާއި އުސޫލާ ހިލާފު އެއްވެސް ކަމެއް ކޮއްފައިނުވާނޭ. ރައްޔިތުން ގަނަ ނުތަޅުއްވަވާ،"
އަކުރަމް މިހެން ވިދާޅުވެފައިވާ އިރު އޭސީސީން މައްސަލަ ބަލައި ފްލެޓްދޭން ޝަރުތު ހަމަވާ ކަމަށް ލިސްޓެއް އެކުލަވާލައި ހައުސިން މިނިސްޓްރީއާ ވަނީ ހަވާލު ކޮށްފައެވެ. އޭސީސީން ބުނެފައި ވަނީ ކުރީ ސަރުކާރުން ނެރުނު ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން 60 ޕަސެންޓް ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު