ށ. މިލަންދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ކުރިއަށް އޮތް ރޯދަމަހު ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ދަތިނުވެ ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް މިނިސްޓަރު ސައީދު ވިދާޅުވީ، މި ސަރުކާރަށް ތިން މަސްވެގެން ދިޔައިރު ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.

އެގޮތުން، ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އޭގެ އިތުރުން ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެކުރެވޭނެ އިންތިޒާމުތައް ރައީސް މުއިއްޒު މިހާރު ހަމަޖައްސަވާފައިވާއިރު، އެކުވެރި އެހެން ގައުމުތަކުންވެސް ކާޑުގެ ބާވަތްތައް ލިބޭނެ މަގު ފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރޯދައަށް ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށް ވޯކިން ކޮމިޓީއެއް ހަދައިގެން އެސްޓީއޯ އާއެކު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ﷲގެ ވާގިފުޅާއެކު މި ރަމަޟާން މަހު ކާޑުގެ ބާވަތްތަކާއި އަސާސީ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމުތައް ރާވާފައި ހަމަޖައްސައި އަގު މައްޗަށް ނުގޮސް ބޭއްވުމަށްޓަކައި،" ސައީދު ވިދާޅުވިއެވެ.