އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގި މީހަކު 18 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ތިން ދައުވާއެއް ތ. ގުރައިދޫ މިޔަވާލި ހުސެއިން ޒާހިނުގެ މައްޗަށް ދައުލަތުން ކުރިއެވެ.

އޭގެ ތެރޭގައި ހިމެނެނީ އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި ކަމުގެ ދައުވާ އާއި ލައިގެން ހުރި ހެދުމުގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް ޖިންސީ ގުނަވަން ހާމަކޮށްގެން ހުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. އެ ތިން ދައުވާވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނާ ހަވާލާދީ، ޒާހިނުގެ މައްޗަށް ދައުލަތުން ކުރި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެގެން ޒާހިނުގެ މައްޗަށް ހުކުމްކުރީ 15 (ފަނަރަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށެވެ.

ލައިގެން ހުރި ހެދުމުގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ކުށް ސާބިތުވެގެން ތިން އަހަރު ދުވަހަށް ޖަލަށްލާން ހުކުމް ކުރި އިރު، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވެގެން، އެއްމަހާއި ހަ ދުވަހަށް ޖަލަށްލުމަށްވެސް ޒާހިނުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

އިތުރުބާރުކުރެވޭ މަގާމެއްގައި ހުރެ 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ޒާހިނު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ ފަހެއް ޖުލައި 2020 ގައެވެ.