ސްމޯލް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ރަހުނަކާ ނުލައި ފަރުމަސްވެރިންނަށް 700،000 ރުފިޔާއާ ހަމައަށް "ކަނޑުފަޅުގެ ނަފާ"ގެ ނަމުގައި ލުއި ލޯނު ދޫކުރަން ފަށައިފިއެވެ.
އެސްޑީއެފްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަރުމަސްވެރިންނަށް ދޫކުރާ އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ ފަސް ޕަސަންޓު ކަމަށެވެ. އެ ލޯނު އަނބުރާ ދައްކަން ޖެހޭ މުއްދަތަކީ 10 އަހަރެވެ. ލޯނަށް ފައިސާ ދައްކަން ޖެހޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހުއެވެ.
- މަސް ބަންދުކުރާ މެޝިނަރީއާއި އާލާތްތައް ގަތުމަށް
- ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި ހަރުކުރާ މަސްވެރިކަމުގައި ބޭނުންކުރާ ވަސީލަތްތައް ގަތުމަށް
- ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު މަރާމާތުކުރުމާއި އިތުރު ބަދަލުތައް ގެނައުމަށް
- މަސް ރައްކާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގަތުމަށް
- ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދުގައި އިންޖީނު އެޅުމަށް
- ފަރުމަހުގެ މަސްވެރިކަން ކުރާ އުޅަނދު މަރާމާތުކުރުމަށް އަދި އަލަށް އުޅަނދެއް ބަނުމަށް ނުވަތަ ގަތުމަށް
ކަނޑުފަޅުގެ ނަފާ ލޯނު އަމާޒުކޮށްފައިވަނީ ފަރުމަހުގެ މަސްވެރިކަން ކުރާ މީހުންނާއި، އާންމުކޮށް ވިއްކުމަށާއި ރިސޯޓުތަކަށް ސަޕްލައި ކުރުމަށް ފިނިކުރި ފަރުމަހާއި ފަރުމަހުގެ އުފެއްދުންތައް ޕެކްކޮށް ސަޕްލައިކުރާ ފަރާތްތަކުގެ އިތުރުން އެކްސްޕޯޓު ކުރުމަށް ފަރުމަސް ބަންދުކުރާ ނުވަތަ ފަރުމަހުގެ ޕުރޮޑަކްޓުތައް އުފައްދާ ފަރާތްތަކަށް އަދި އަތޮޅުތެރޭގެ ރަށްރަށުން މާލޭ ސަރަހައްދުގެ ސަޕްލަޔަރުންނަށް ފަރުމަހާއި މަހުގެ އެކިއެކި އުފެންދުއްތައް އުފައްދައި ފޮނުވާ ފަރާތްތަކަށެވެ.
އެސްޑީއެފްސީން ބުނީ ކަނޑުފަޅުގެ ނަފާ ލޯނަށް ރަހުނު ބޭނުންވާނެ ހާލަތްތަކުގައި ލޯނަށް ފައިނޭންސް ކުރެވޭ ހުރިހާ އުޅަނދެއް ރަހުނު ކުރެވޭނެ ކަމަށެވެ. ކަނޑުފަޅު ލޯނު ދޫކުރާ ކަންތައްތަކުގެ ތެރެއިން ކަމަކަށް 700،000 ރުފިޔާއަށްވުރެ އިތުރަށް ފައިސާ ހަރަދުކުރަން ޖެހޭ ނަމަ، އެ އިތުރުވާ ހަރަދެއް ކުރަންވާނީ ލޯނަށް އެދޭ ފަރާތުން ކަމަށް އެސްޑީއެފްސީން ބުންޏެވެ.
ށ. ކޮމަންޑޫގައި މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ކަނޑުފަޅުގެ ނަފާ ލޯނު އިފުތިތާހުކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ޝިޔާމް ވިދާޅުވެފައިވަނީ ފަރުމަސްވެރިކަމަކީ ރާއްޖޭގައި މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަސްވެރިކަމުގެ ބާވަތެއް ކަމަށެވެ. އެހެންކަމުން ފަރުމަސްވެރިކަމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުންދީ، މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު