ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކޮށްދޭން ވެވަޑައިގެންނެވި ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލައަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ކެލާގެ ރައްޔިތުން އެދިފައިވާ ކަންކަމާއި ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އެގޮތުން ރަށުގެ ތަރައްގީއަށް ޓޫރިޒަމް ތަރައްގީކުރުން، ފަޅުގައި ރިސޯޓެއް ޑިވެލޮޕްކުރުން، އެއީ އެންމެ މުހިންމު މަޝްރޫއުގެ ގޮތުގައި އަޅުގަނޑު ދަންނަވާލަން. އެ މަޝްރޫއު ހަގީގަތަކަށް ހަދައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމުން، މުޅި ރަށާއި ކައިރި ރަށްތަކަށް ފައިދާ ކުރާނެ ކަމަށެވެ. އަދި އެކަމަކީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން އެންމެ އިސްކަމެއް ދީގެން ކުރައްވާނެ އެއް މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކާބޯތަކެތީގެ ޔަގީންކަން ލިބޭނެ ގޮތަށް ދަނޑުވެރިކަން ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެ އަމާޒުގެ ތެރެއިން ރިސޯޓުތަކަށް ބޭނުންވާ، ރާއްޖޭގައި ހެއްދޭ ބާވަތުގެ ތަކެތި، ރާއްޖޭގައި ހައްދައި ދަނޑުވެރިކަން އިތުރަށް ފުޅާކުރުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.
"މި ދެ އަމާޒަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނީ މިދެ އަމާޒު ހާސިލުކުރުމަށް ވަރަށް މަސައްކަތް ކޮށްގެން. އެއީ ވަރަށް ފުޅާކޮށް އެ މަސައްކަތް ކޮށްގެން. މިރަށް އޭގައި މުހިންމު ދައުރެއް އަދާ ކުރަން އަޅުގަނޑު ބޭނުން. އެހެންވީމަ މިރަށުގެ ދަނޑުވެރިންނަށް އޮތީ އުފާވެރިކަން،" ރައީސް ވިދާޅުވިއެވެ.
އެގްރިކަލްޗާ މިނިސްޓްރީ މެދުވެރިކޮށް ގިނަ ކަންކަން ފަހިކޮށްދޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ކެލާގެ ދަނޑުވެރިކަން ވަރަށް ބޮޑަށް ފުޅާވެގެންދާނެކަމުގެ ޔަގީންކަންވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު