ކުރިންވެސް ނިންމާފައިވާ ގޮތަށް އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެގޮތަށް ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ސީދާ އެ މަނިކުފާނު ޖަވާބު ދެއްވުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި "އަހާ" ފޯރަމުގައި އާންމުންގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ފުލުހުންގެ މުސާރަ ބޮޑުކުރުން އަދި އެއާއެކީގައި ސިފައިންގެ މުސާރަވެސް އޭގައި ހިމެނިފައި އޮތީ. މާޗް މަހުން ފެށިގެން ބޮޑު ކުރާ ގޮތަށް ނިންމާފައި މިއޮތީ. އެއީ އަންނަ މަހުން ފެށިގެން އިނގޭތޯ،" ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު އޭރު ވިދާޅުވެފައިވަނީ، މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއެކު އެންމެ އާދައިގެ ފުލުހެއްގެ މުސާރަ 11،000 ރުފިޔާ އިން 15،400 ރުފިޔާއަށް އަދި ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500 ރުފިޔާ އިން 16،400 ރުފިޔާއަށް މުސާރަ ބޮޑުވާނެ ކަމަށެވެ.
ނަމަވެސް ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު އެ އިދާރާތަކަށް ފޮނުވާފައިވާ ކަމަށް ރައީސް އޮފީހުން އިއުލާން ކުރީ ރައީސް ސޯލިހުގެ ވެރިކަން ނިމެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.
ނަމަވެސް މި ސަރުކާރުން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ލަސްކުރިއެވެ. އެގޮތުން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މީގެ ކުރިން "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި ބަޖެޓާއި ކޭޝްފްލޯއަށް ބަލައި، ކުރީގައިވެސް ނިންމާފައިވާ ގޮތަށް އެންމެ ފުރަތަމަ މުސާރަ ބޮޑު ކުރާނީ ސިފައިންނާއި ފުލުހުންނަށް ކަމަށާއި އެ ދެ އިދާރާގެ މުސާރަ މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް މި ސަރުކާރުން މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލާއި ބޮޑު ކުރަން ނިންމާފައިވަނީ ކިހާ އަދަދެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުން ލަސްކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، މިދިޔަ ބުދަ ދުވަހު އެމްޑީޕީން ވަނީ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު