ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސަރުވަޝް ވަނީ މިދިޔަ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި، ސިޓީ ހުށަހަޅުއްވައިފައެވެ. އޭނާ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާނެ އެންމެ ފަހު ދުވަހަކީ މި މަހުގެ 29 ވަނަ ދުވަހެވެ.

ސަރުވަޝް "ވަން" އަށް ވިދާޅުވީ، ފިނޭންސް މިނިސްޓްރީގައި ހޭދަކުރެއްވި ނުވަ ވަރަކަށް އަހަރުގެ ތެރެއިން ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި 8 އަހަރު ހޭދަކުރައްވާފައިވާއިރު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ބަދަލަކަށް އެންމެ ރަނގަޅު ވަގުތު ކަމަށް ފެނިވަޑައިގެން ކަމަށެވެ.

އޭނާ ދެން މަސައްކަތް ކުރައްވާނީ ޕްރައިވެޓް ސެކްޓަރުގައި ކަމަށްވެސް ވިދާޅުވިއެވެ.

ސަރުވަޝް ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވަން ފެއްޓެވީ ޖުލައި 2015 އިން ފެށިގެންނެވެ. އޭނާ ވަނީ މީރާގެ ޗެއާމަންގެ މަގާމާއި އެމްއެމްއޭގެ ބޯޑުގައިވެސް މަސައްކަތް ކުރައްވައިފައެވެ.