މިހާރު އޮތް ގޮތަށް ރަމަޟާން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ނަމަ، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އީސީން މަޖިލިސް އިންތިހާބު ބާއްވަން ކަނޑައެޅީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް އެއީ ރޯދަމަސް ކަމުން، މަޖިލީހުން ވަނީ ރޯދައިގެ ފަހަށް އިންތިހާބު ފަސްކުރުމަށް ބިލެއް ފާސްކޮށްފައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެ ބިލު ތަސްދީގުކުރައްވައިފައެއް ނުވެއެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން މަޖިލިސް އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މި ގައުމުގައި އޮންނާނީ ރައްޔިތުންގެ ބާރުވެރިކަން ކަމަށާއި ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް ކަންކަން ކުރަންޖެހޭ އެއްވެސް މުއައްސަސާއެއް މި ރާއްޖޭގައި ހުރެގެން ނުވާނެ ކަމަށެވެ.

"ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ފާސްކޮށްފައި އޮތް ގާނޫނަކަށް، އަދި ގެޒެޓު ނުކުރައްވައޭ، ތަސްދީގު ނުކުރައްވައޭ ވިދާޅުވެ، އެއީ ނެތް ކަމެއް ކަމަށް ހައްދަވާފައި މިހާރު ކަނޑައަޅާފައި އޮތް ރޯދަމަހުގެ ތާރީހުގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ވަޑައިގަންނަވާ ކަމުގައިވަނީ ނަމަ، ދެން އަޅުގަނޑުމެންނަށް ޖެހޭނީ އިލެކްޝަންސް ކޮމިޝަނުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން. އެކަން ކުރަން ޖެހުނަސް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރައްޔިތުންގެ ރޫހާ ދެކޮޅަށް އެއްވެސް ކަމެއް މި ގައުމުގައި ހިނގާކަށް،" އޭނާ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ރޯދަމަހު އިންތިހާބު ބާއްވާ ނަމަ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުން އަމަލުކުރާނެ ގޮތްތަކަކަށް ވަރަށް ފުންކޮށް ވިސްނަމުންދާ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން އެ އޮތީ ރޯދަމަހު އިންތިހާބު ނުބާއްވަން ފާސްކޮށްފައި ކަމަށެވެ. އަދި އެ ގާނޫނު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިހާރު ފޮނުވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ 15 ދުވަހުގެ މުއްދަތު، މިމަހުގެ 27 އަށް މުއްދަތު ހަމަވާނެ. އެ ހިސާބަށް ތަސްދީގުނުކުރައްވައި މަޖިލީހަށް ފޮނުވައިފިއްޔާ، އަޅުގަނޑުމެންގެ ވިސްނުމަކީ އަދި އެއަށްވުރެ ވެސް ބޮޑު އަގުލަބިއްޔަތަކުން އެގޮތަށް ފާސްކުރުން. އަނެއްކާވެސް ތަސްދީގުކުރެއްވުމަށް އަދި ގެޒެޓުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުވަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ދެވަނަ ފަހަރަށް ވެސް އެ ބިލު ރައީސް ތަސްދީގު ނުކުރައްވައިފި ނަމަ، ދެން ބަލާނީ އީސީގެ ވިސްނުން ހުރި ގޮތް ކަމަށާއި ދެ ފަހަރަކަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ވަކި ގޮތަކަށް ކަން ކުރަން ފާސްކުރީމާ، އެއީ ނެތް ކަމެއް ކަމަށް ހަދާފައި އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރިއަށްގެންދާ ނަމަ، ރައްޔިތުންގެ ބާރު ކެނޑުނީ ކަމަށް އޭގެން ދޭހަވާނެ ކަމަށެވެ.