އުރީދޫ މޯލްޑިވްސް އިން ބާއްވާ އަހަރީ އާންމު ޖަލްސާގައި ރަޖިސްޓަރީވުމަށް ހުޅުވަލައިފިއެވެ.

އުރީދޫން މިއަދު ކުރި އިއުލާނެއްގައި ބުނީ، އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތްވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޖަލްސާ ބާއްވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭގަނޑު 8:30 ގައެވެ. އަދި އެ ޖަލްސާގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަނަށް ގޮސް ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ހުލުމާލޭ ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ 200 ހިއްސާދާރުންނަށް ކަމަށާއި އޭގެ އިތުރުން، އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް "ފަހިވޯޓު" މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ ކަމަށެވެ.

ރަޖިސްޓާ ކުރަން ހާޒިރުވާ އިރު، ދިވެއްސެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ބިދޭސީއެއް ނަމަ ޕާސްޕޯޓު ހިފައިގެން ހާޒިރުވުމަށް އުރީދޫން ވަނީ އެދިފައެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ރަޖިސްޓާ ނުކުރާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

މިއަހަރުގެ އެ ކުންފުނީގެ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަންކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހެޅުމަށްވެސް އުރީދޫން އިލްތިމާސްކުރެއެވެ.

ހުށަހަޅާފައިވާ ޕްރޮކްސީ ބާތިލުކުރަން ބޭނުންނަމަ، "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުމަށްފަހު ހުށަހެޅުން ހުށަހެޅުމަށާއި އަދި ރަޖިސްޓާ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ރަޖިސްޓާ ކުރެވޭނެ ކަމަށްވެސް އުރީދޫގެ އިއުލަނުގައިވެއެވެ.

އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިފައިވާ ލޮގިން މައުލޫމާތު ބޭނުންކޮށް، ފަހިވޯޓު ސިސްޓަމަށް ލޮގިން ކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ.

  • 2023 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން.
  • 2023 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން.
  • 2024 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން.
  • 2023 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން.
  • ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރުން އަލުން އިންތިހާބުކުރުން.
  • އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރަކު އިންތިހާބުކުރުން.
  • ހިއްސާދާރުންގެ މަޝްވަރާކުރުން.