ލަންކާއިން އިރާނަށް ދައްކަން ޖެހޭ ދަރަނި ސައިފަތުން ދައްކަންފަށައިފިއެވެ.

ސްރީލަންކާގެ އިގްތިސޯދު ގޯސްވެ އެ ގައުމުން ބޭރުގެ ދަރަނި ދެއްކުމުގައި ދަތިތަކެއް ހުރުމާއެކު ގައުމުތަކާ އެކު ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދުމަށް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ލަންކާއިން ވަނީ އެ ގައުމަށް އިރާނުން ގަނެފައިވާ ތެލުގެ ދަރަނީގެ އަދަދު 251 މިލިއަން ޑޮލަރަށް އަރާފައިވުމާއެކު އެ ދަރަނި އަދާކުރުމަށް މަޝްވަރާކޮށްފައެވެ. އެގޮތުން ދަރަނި ދެއްކުމުގައި ފައިސާގެ ބަދަލުގައި އެ އަގަށްވާ މުދަލުން ދަރަނި ދެއްކުމަށް މަޝްވަރާކޮށް އެއްބަސްވުންތަކަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދެގައުމުގެ އޮފިޝަލުންގެ މަޝްވަރާއަށް ފަހު ލަންކާއިން ވަނީ ލޯނުގެ 20 މިލިއަން އެމެރިކާ ޑޮލަރަށްވާ އަގުހުރި ސައިފަތް އިރާނަށް ދިނުމަށް ނިންމައި ސައިފަތް ސަޕްލައިވެސް ކޮށްދީފައެވެ.

ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވެރްދަނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުން މި ސައިފަތް އެކްސްޕޯޓު ކޮށްފައިވަނީ އެގައުމާއި އިރާނާ ދެމެދު ވެފައިވާ ބާޓާ އެގްރީމެންޓެއްގެ ދަށުންނެވެ.

ލަންކާއިން ވަނީ އެހެން ގައުމުތަކާ އެކު ވެފައިވާ ދަރަނީގެ މުއާމަލާތްތައްވެސް ލުއިގޮތެއްގައި ހަމަޖެއްސުމަށް މަޝްވަރާތައް ފަށާފައެވެ.