ގދ. މަޑަވެލިން (މުހައްމަދު އިޝާން ވަން އޮންލައިން)

ރާއްޖޭގައި މިހާރު އަމަލުކުރަމުން ދަނީ ރައްޔިތުން މުޅިން ގޮތް ހުސްވާ ހިސާބަށް ގެންދާނެ ނިޒާމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދެކުނުގެ އަތޮޅުތަކަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި އޮތީ ފުރިހަމަ ރިޔާސީ ނިޒާމެއް އަދި ފުރިހަމަ ބަރުލަމާނީ ނިޒާމެއްވެސް ނޫން ކަމަށާއި ރާއްޖޭގައި އޮތީ ވަކި ގޮތަކަށް އަމަލުކުރަން ކަނޑައަޅާފައިވާ ނިޒާމެއް ކަމަށެވެ.

އެ ނިޒާމު ރޭވިފައިވާ ގޮތުން ރައްޔިތުންގެ ނިންމުން ދެ ފަހަރެއްގެ މަތިން ނިންމައިގެން ނޫނިއްޔާ ސަރުކާރަށް މަސައްކަތެއް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް އެ ފާހަގަކުރެއްވީ ރިޔާސީ އިންތިހާބުގެ ނިންމުމަމާއި ރައްޔިތުންގެ މަޖިލީހުގެ ނިންމުމަށެވެ.

"މަސްހުނި ނިޒާމެއް މުޅިން ރިޔާސީއެއް ނުވެ މުޅިން ބަރުލަމާނީއެއް ނުވެ މަސްހުނި ނިޒާމެއް ގާނޫނުއަސާސީގައި މި އޮތީ. އެހެންވީމާ އެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް އޮންނަ ބާރުތަކެއް އަދި އަމުދުން އެ ނަހަމަ ގޮތުގައި މިހާރު އޮތް ގޮތަށް ބޭނުންކުރަން މަސައްކަތްކުރާނަމަ އިންތިހާއަށް ބޮންސުންލައިގެން ހިނގައިދާނެ ނިޒާމެއް،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުން ދަނީ ރައްޔިތުން މުޅިން ގޮތް ހުސްވާ ހިސާބަށް ގެންދާނެ ނިޒާމެއް ކަމަށާއި މި އަހަރުގެ މަޖިލީހުގެ އިންތިހާބުގައި އެފަދަ ކަންކަމަށް ބަސް ބުނުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަށް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން މަޖިލިސް އިންތިހާބުގައި ވޯޓުލާއިރު ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރެއްވި ޒިންމާ، ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް ވިސްނެވުމަށް އެދިވަޑައިގެންނެވިއެވެ.