އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް އައްޔަން ކުރަން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މ. މުލައް، ހަސަން ޒަކަރިއްޔާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޒަކަރިއްޔާގެ ނަން މަޖިލީހަށް ފޮނުއްވީ، އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ ދައުރު ހަމަވާތީ އޭނާގެ ބަދަލުގައި އެ ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް އެކަމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތި ލެއްވި މެންބަރުންގެ ތެރެއިން ރައީސް މުއިއްޒު ފާހަގަ ކުރައްވައިގެންނެވެ.

ޒަކަރިއްޔާއަށް މަޖިލީހުގެ ރުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާއްމު ފާތުމަތު ނިއުޝާ އިއްވުމުން އެ ނަން އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލީ އެހެން ބޭފުޅުންގެ ނަންތައް ވެސް ރައީސްގެ ސިޓީއާ އެކު މަޖިލީހަށް ފޮނުއްވިއެވެ. އީސީގެ އެސްޖީގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021ގަ އެވެ.