ދެކުނުގެ އަތޮޅުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގދ. އަތޮޅުތަކަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެ. މަނިކުފާނު ގދ. އަތޮޅަށް ފުރާވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ހެނދުނެވެ.

ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު އެ އަތޮޅު ފަރެސްމާތޮޑާ، ފިޔޯރި، މަޑަވެލި، ތިނަދޫ އަދި ގައްދޫއަށް މިއަދު ވަޑައިގަންނަވާނެއެވެ. ދަތުރުފުޅުގެ ތެރެއިން ރައީސް އެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

ގދ. އަތޮޅަށް ފަހު ރައީސް މާދަމާ ވަޑައިގަންނަވަނީ ގއ. އަތޮޅުތަކަށެވެ. ގއ. އަތޮޅުގެ ގެމަނަފުށި، ކޮނޑޭ، ވިލިނގިލި، ކޮލަމާފުށި އަދި ދާންދޫއަށް ވަޑައިގަންނަވާނެއެވެ.

ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. ރައީސް ވަނީ އައްޑޫއަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފައެވެ. އަދި ވަނީ އައްޑޫގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ރައީސް ދެން ވަޑައިގެންނެވީ ފުވައްމުލަކު ސިޓީއަށެވެ.