ގޭތެރޭ ތިބެ އާމްދަނީ ހޯދުމަށް ކަނބަލުން ކުރާ މަސައްކަތަށް ބާރު ދިނުމަށް ލޯގޯއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.
މެޑަމް ސާޖިދާ މި ލޯގޯ އިފުތިތާހުކޮށްދެއްވީ މިއަދު ހެނދުނު އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ހަފުލާއެއްގައެވެ.
އެ ލޯގޯ ފަރުމާ ކުރުމުގެ މަސައްކަތް ކުރީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އިސްނަގައިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއެކުގައެވެ.
އެ ހަފުލާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މިއަދު އިފުތިތާހުކުރި ލޯގޯއާއެކު ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި ހާއްސަކޮށް ކަނބަލުންގެ ވިޔަފާރިތަކަށް އެކަމުން ފައިދާ ލިބިގެންދާނެ ކަމަށެވެ.
އެ ލޯގޯގެ މަގުސަދުތަކުގެ މައްޗަށް އަލިއަޅުވައިލައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ލޯގޯއެއް ނުވަތަ ނިޝާނެއް ދިނުމަކީ އެ ތަކެތީގެ ރައްކާތެރިކަމާ މެދު އާންމުންގެ އިތުބާރު ބޮޑުވާނެ ކަމެއް ކަމަށެވެ.
އޭގެ އިތުރުން އެކަމާ ގުޅޭ އިދާރާތަކުން އެގޮތަށް ގުޅިގެން ކުރާ މަސައްކަތްތަކުން ގައުމުގެ ކުރިއެރުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސްގެ އަނބިކަނބަލުންގެ ވާހަކަ ނިންމަވައިލައްވަމުން ވިދާޅުވީ، 2021 ވަނަ އަހަރުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު އަވަހަށް ގާނޫނަކަށްވެ، އެ ގާނޫނު ތަންފީޒުވެގެންދިއުމަކީ އެކަމަނާ އެދިވަޑައިގެންފައިވާ ކަމެއް ކަމަށާއި އަދި އެކަމުން ރައްޔިތުންގެ ފައިދާއަށާއި ގައުމުގެ ކުރިއެރުމަށް މަގުފަހިކުރެވިގެންދާނެ ކަމަށެވެ.
އާމްދަނީ ހޯދުމަށްޓަކައި ގޭގައި އުފައްދައި ބަންދުކުރާ ކާބޯތަކެއްޗަށް ހާއްސަ ލޯގޯ ހޯދަން އެދި ހުށަހެޅޭނީ ދިރިތި ޕޯޓަލް މެދުވެރިކޮށް ކަމަށާއި އަދި އާމްދަނީ ހޯދުމުގެ ބޭނުމުގައި ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފުތަރުވުމުގެ އުސޫލު ބީސީސީން އެކުލަވައިލައި މިހާރު ވަނީ ގެޒެޓުކޮށްފައި ކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު