އައްޑޫ ސިޓީގައި 6،000 ޓޫރިސްޓު އެނދު ގާއިމްކުރުމަށް ފަށާ އައްސޭރި ޕްރޮޖެކްޓާއެކު އެ ސިޓީގައި ސީޕްލޭން ހަބެއް ގާއިމްކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުޅުމީދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ހިންގޭ ބޮޑު ހަތަރު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެގޮތުން ބުރިޖާއި އެއާޕޯޓު މަޝްރޫއު އާއި އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓާއި ސީޕްލޭން ހަބުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.

"އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް މި ސިޓީގައި ފެށުން، 6،000 އެނދު ގެނެވޭ ވަރަށް، މަދުވެގެން 6،000 އެނދަށް ޓާގެޓުކޮށްގެން ކުރިއަށްގެންދާ އައްސޭރި ޓޫރިޒަމް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާއި އެއާއެކީގައި ސީޕްލޭން ހަބެއް މިތަނުގައި ގާއިމްވެގެން ދިއުމާއި މި ހަތަރުކަން އެކުއެކީގައި ގާއިމްވެގެން ދިޔައީމާ މި ސިޓީގެ ރައްޔިތުންނަށް އެ ލިބެނީ އަބަދު އެދެމުން އަންނަ އުފާ ފާހަގަތިކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ މަޝްރޫއުތައް ނިމުމުން އައްޑޫގެ ރައްޔިތުންނަށް ނަފާވެރިކަން ލިބޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އައްޑޫގެ ތަރައްގީއަށް ހިންގާ މައިގަނޑު ހަތަރު މަޝްރޫއަކީ އެއް މަޝްރޫއު އަނެއް މަޝްރޫއާ ގުޅިފައިވާ މަޝްރޫއުތަކެއް ކަމަށެވެ. އެގޮތުން އެއާޕޯޓަށް މީހުން އަންނަނީ ފަތުރުވެރިކަން އޮތް ނަމަ ކަމަށާއި ފަތުރުވެރިކަން ފުޅާވަނީ ރަނގަޅު އެއާޕޯޓެއް އޮތުމުން ކަމަށް ވިދާޅުވިއެވެ.