ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގައި ސަރުކާރުން އަވަސް ފިޔަވަޅެއް އަޅުއްވައި، މަސްވެރިން ބާނާ މަހަށްވާ ފައިސާ ވީ އެންމެ އަވަހަކަށް މަސްވެރިންނަށް ދޭން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރެއް ހުށަހަޅައި ބަހުސްފަށައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ.

ރޮޒެއިނާ ހުށަހެޅުއްވި ގަރާރުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ތަކުގެ ތެރޭގައި މަސްކިރާ ވަގުތުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

"މަސްވެރިންނަކީ ރައްޖޭގެ އިގްތިސާދު ބިނާ ކުރުމުގައި ބުރަ އަދި މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ ބަޔަކަށް ވީހިނދު މަސްވެރިންކުރާ މަސައްކަތުގެ އަގު މަސްވެރިންނަށް ލިބުމަކީ މަސްވެރިންގެ ހައްގަކަށްވާތީ އާއި ގައުމުގެ އިގްތިސާދާއި ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މިފަދަ މުހިއްމު ކަމެއްގައި ސަރުކާރުން ވެފައިވާ ވައުދުތަކާއި، ގާނޫނުން މަސްވެރިންނަށް ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް،" ރޮޒެއިނާ ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭކަމުގެ ޝަކުވާ މަސްވެރިން ކުރަމުންދާތާ ދުވަސްތަކެއް ވެފައިވާއިރު، މަސްވެރިން ކުރަމުން އަންނަ ބުރަ މަސައްކަތަށް ދެ މަހަށްވުރެ ގިނަދުވަސްވެގެން ދިޔައިރުވެސް ފައިސާ ލިބިފައިނުވާކަމްވެސް ގަރާރުގައި ވެއެވެ. އެ ކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމަށް ދަތިވަމުންދާކަމާއި، މިފްކޯއަށް މަސްކިރުމަށްފަހު މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބި، ގިނަ ދުވަސްވެ ދިގުލައިގެން ދިއުމުގެ ސަބަބުން އެތަކެއް ތަކުލީފުތަކެއް އުފުލަމުންދާ ކަމަށް މަސްވެރިން ފާހަގަކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ގަރާރު ހުށަހެޅުއްވުމުގެ އެއް މަގުސަދެއް ކަމަށް ރޮޒެއިނާ ވިދާޅުވީ، "ކުރިއަށް އޮތް ރަމަޟާންމަސް ފެށެން މަހަކަށް ވެފައިވާއިރު، ރާއްޖޭގެ އެތަކެއް މަސްވެރިންގެ ދިރިއުޅުމުގެ ކަންކަމާއި، އާއިލާއަށް ހަރަދުކުރުން ބިނާވެފައި އޮންނަނީ މަސްވެރިކަމުން ލިބޭ އާމްދަނީއަށް ކަމަށްވީހިނދު މަސްވެރިންނަށް ލިބޭ އާމްދަނީއަށް ލޮޅުންއަރާފައިވާ މި ދަނޑިވަޅުގައި، އެ ފަރާތްތަކަށް ހައްގުވެގެންވާ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން މަސްވެރިންނާއި އެފަރާތްތަކުގެ އާއިލާ ހާލުގައި ޖެހުން ގާތްވެފައި،" ވާތީ ކަމަށެވެ.

މަސްވެރި އާއިލާތަކުގެ ޒަރޫރީ ބޭނުންތައް ނުފުދި ދަތިތަކާ ކުރިމަތިލާން ޖެހޭކަމުގެ ކަންބޮޑުވުން އެތައް މަސްވެރިން ފާޅުކުރަމުންދާތީ އާއި، އެކަމުގެ ސަބަބުން މަސްވެރިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ފޯރަމުންދާތީ މިކަމާގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި މަސްވެރިން ބާނާ މަހަށްވާ ފައިސާ ވީ އެންމެ އަވަހަކަށް އެ ފަރާތްތަކާ ހަވާލު ކުރަން އެ ގަރާރުގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.