ރައްޔިތުންގެ މަޖިލީހުގައި މިހާރު މެންބަރުން ތިއްބެވި ގޮތަށް ބަލާއިރު، އެމްޑީޕީ މެންބަރުންނާއި ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓުން އެކަނިވެސް ރައީސުލްޖުމްހޫރިއްޔާއާއި އެ މަނިކުފާނުގެ ނައިބު މަގާމުން އަޒުލު ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު އެ މާއްދާއިން އުނިކޮށްފިއެވެ.
ހުސްވި ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 37 ވަނަ ޖަލްސާގައި ވަނީ މަޖިލީހުގައި މެންބަރުން ނެތް ދާއިރާތައް ނުހިމެނޭ ގޮތަށް، ހުސްގޮނޑި ނުހިމަނައި މަޖިލިސް މެންބަރުން ކޯރަމް ގުނަންޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު ފާސްކޮށްފައެވެ.
އެ އިސްލާހު ގެނަސްފައިވަނީ މަޖިލިސް ގަވާއިދުގެ 49 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް ތިން އަކުރު އިތުރު ކުރުމަށެވެ.
އެގޮތުން (ކ)ގެ ގޮތުގައި އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި ބަލާނީ މަޖިލިސް މެންބަރުންގެ ގޮތުގައި އެ ވަގުތު ދެމި ތިބި މެންބަރުންގެ ޖުމުލަ އަދަދަށް ކަމަށެވެ. (އ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ، އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމާ ހަމައަށް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނުމުގައި އެ އިންތިހާބީ ދާއިރާއެއް ނުގުނޭނެ ކަމަށެވެ.
އަދި (ވ) ގައި ބުނަނީ ހިނގަމުންދާ މަޖިލީހުގެ އުމުރެއްގައި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށް އެއްވެސް ބަދަލެއް އައިސްފި ނަމަ، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލީހުގެ ޖަލްސާއެއްގައި އެކަން މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
ގަވާއިދަށް މި އިސްލާހު ގެނައީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސްގެ ގޮތުގައި ހުސެއިން މުހައްމަދު ލަތީފް އިންތިހާބުވުމާއި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވަޑައިގެންނެވުމަށް ހަ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ދާއިރާތައް ހުސްވުމުންނެވެ.
އެ ބޭފުޅުންނަކީ ނައިބު ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި، ކުރީގެ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ބަންޑާރަ ނައިބުކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމާއި މިހާރު ސިޓީސް، ލޯކަލް ގަވާމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ގައްސާން މައުމޫނާއި ފެލިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދެވެ.
ގާނޫނު އޮތް ގޮތުން ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އެ ދާއިރާތަކަށް މެންބަރުން އިންތިހާބުވެސް ނުކުރެވޭނެއެވެ. ގާނޫނު ބުނާ ގޮތުން ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާން ހަ މަސް ދުވަހުގެ މުއްދަތެއް އޮތް ނަމަ، އެ ގޮނޑިތަކުގެ ބައި އިލެކްޝަނެއް ބާއްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން އެ ހަތް ގޮނޑީގެ ބައި އިލެކްޝަން ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
މިހާރު އޮތް ގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ އަންނަ މާޗް މަހުގެ 17 ގައެވެ. ނަމަވެސް ރޯދައިގެ ފަހުން އިންތިހާބު ބާއްވަން މަޖިލީހަށް ހުށަހަޅާފައިވާތީ އެއަށްވުރެ މަހެއްހާ ދުވަސް ފަސްވުން އެކަށީގެންވެއެވެ.
އެހެންކަމުން މަޖިލިސް ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތަށް މަޖިލީހުގެ މެންބަރުން ގުނަމުން މިހާރު ދަނީ ހުސްވި ގޮނޑިތައް ނުހިނަމައެވެ. އެގޮތަށް ގުނާއިރު މިހާރު މަޖިލީހުގައި ތިއްބެވީ 80 މެންބަރުންނެވެ. އެ އަދަދަށް ބަލާއިރު މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންގެ އަދަދަކީ 54 މެންބަރުންނެވެ. އެހެންކަމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 41 މެންބަރުންގެ ވޯޓާއި ދަ ޑިމޮކްރެޓްސްގެ 13 މެމްބަރުންގެ ވޯޓުން ރައީސްއާއި ނައިބު ރައީސް އަޒުލު ކުރެވޭނެއެވެ.
ގަވާއިދު ކުރިން އޮތް ގޮތުން ރައީސް އާއި ނައިބު ރައީސް މަގާމުން އަޒުލު ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
މަޖިލިސް ގަވާއިދުގެ 49 މާއްދާގެ އިތުރުން ގަވާއިދުގެ 202 ވަނަ މާއްދާ އާއި ގަވާއިދުގެ 203 ވަނަ މާއްދާއަށް ވެސް މަޖިލީހުން ވަނީ އިސްލާހު ގެނަސްފައެވެ. އެއީ އަޒުލު ކުރުމުގެ މަރުހަލާ އަވަސް ކުރުމަށެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކިކުރުމަށް ގަރާރެއް ލިބިއްޖެ ނަމަ، ދެ ދުވަސް ތެރޭގައި ނޯޓިސް ފޮނުވައި، 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިއަށްގެންދަން ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.
ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހު މިދިޔަ ބުރާއްފަތި ދުވަހު މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް ހަމަ އެއާއެކު އެ އިސްލާހު މަޖިލިސް ގަވާއިދުގެ 242 ވަނަ މާއްދާގެ ފަހަތަށް އިތުރު މާއްދާއެއްގެ ގޮތުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން ގަވާއިދުގެ 242 ވަނަ މާއްދާގެ އެކެއްގެ ގޮގައި ހިމެނާގައިވާ މި މައްދާގެ (ހ)ގައި ބުނަނީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކި ވުމުގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާއްމު އިންތިހާބާ ދެމެދު ހަ މަސްދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން ެ ހުސްވި ގޮޑިއަކަށް މެންބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެކަމަށެވެ. އަދި (ށ)ގައި ބުނަނީ މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ހާލަތުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަށް އަންނަ ބަދަލު، އެ ބަދަލެއް އަންނަ ތާރީހާ ވިދިގެން އެންމެ އަވަހަށް ބާއްވާ މަޖިލިސް ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އެކަން އިއުލާން ކުރަންވާނެ ކަމަށެވެ.
މި އިސްލާހު އެހެން މާއްދާއަކަށް ބަދލު ކޮށްފައި މިވަނީ 49 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފް އިސްލާހެއްކަމަށް ބުނެ އެ އިސްލާހު ބާތިލް ކުރަން ބަންޑާރަނާއިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ މިމަހުގެ 25 ވަނަ ދުވަހު ފަށަން ހަމަޖެހިފައި ވަނިކޮށެވވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު