މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުއްވި މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އޭނާގެ ނަން އަނބުރާ ގެންދަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅި 381 ކެންޑިޑޭޓުންގެ ތެރެއިން، ނުވަ ކެންޑިޑޭޓެއްގެ ފޯމު ބާތިލުކޮށްފައިވާ ކަމަށާއި އަދި ހަތަރު ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަވާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުން. ނުވަ ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނޭ. ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާއަށް، ޕީއެންސީން ގައްދޫ ދާއިރާއަށް، ޑިމޮކްރެޓްސްއިން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ ހަތަރު ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންދަވާފައި" ހަބީބު ވިދާޅުވިއެވެ.

ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ އޭނާ ނަން އަނބުރާ ގެންދެވީ "މިވަގުތު އެކަމައިގެން ކުރިއަށްދާން ބޭނުން ނުވާތީ" ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.

ރަޝީދު މިފަހަރުވެސް ކުރިމަތިލެއްވީ މިހާރުވެސް އޭނާ ހުންނެވި ދާއިރާ، މަޖިލީހުގެ ހިތަދޫ މެދު ދާއިރާއަށެވެ. އޭނާ ކުރިމަތިލެއްވީ ދަ ޑިމޮކްރެޓްސްގެ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.