ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ14" ގެ ދަށުން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަ ކުރެއްވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ށ. ކޮމަންޑޫގައި މިރޭ ބޭއްވި މަސްވެރިންގެ ދަފުތަރު އަދި މަސްވެރިންނަށް ހާއްސަ ލުއި ލޯނު ޕްރޮގްރާމް އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން ނޫން މިނިސްޓްރީއަކަށް ހަފުތާ14 ގެ ހުރިހާ ކަމެއް ފުރިހަމަކުރެވިފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.
"މި ދެ ޕްރޮގްރާމާއެކީގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް ގުޅުންހުރި ހަފުތާ14ގެ ހުރިހާ ޕްރޮގްރާމުތަކެއް ﷲ ގެ ތަނަވަސް ރަހުމަތުން އަޅުގަނޑުމެންނަށް މި އިފުތިތާހު ކުރެވުނީ. އަޅުގަނޑަށް ނޭނގެ ކިތަށް ވުޒާރާއިން ކަމެއް ހަފުތާ14 ޕްރޮގްރާމުތައް 100 ޕަސަންޓު އެޗީވް މިކުރެވުނީ،" ޝިޔާމް ވިދާޅުވިއެވެ.
ފިޝަރީޒް މިނިސްޓްރީއަށް ހަފުތާ14 ގެ ހުރިހާ ކަމެއް ފުރިހަމަކުރެވުނީ މުޖުތަމައުތަކުން ދޭ އެއްބާރުލުމާއި ކަމާގުޅޭ އެހެން ވުޒާރާތަކުގެ އެހީއާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ކުރިއަށް ރޯދަމަސް އޮތުމުން، މަސްވެރިންނަށް ނުދެވި ހުރި ފައިސާތައް ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމަށް ރައީސް މުއިއްޒު ވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު