ރަހުނަކާ ނުލައި ފަރުމަސްވެރިންނަށް 700،000 ރުފިޔާ ހަމައަށް ލުއި ލޯނު ލިބޭ ޕްރޮގްރާމް އިފުތިތާހު ކޮށްފިއެވެ.

ށ. ކޮމަންޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އެ ރަސްމިއްޔާތުގައި ޝިޔާމް ވަނީ މަސްވެރިންގެ ދަފުތަރުވެސް އިފުތިތާހުކޮށްދެއްވައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ފަރުމަސްވެރިކަމަކީ ރާއްޖޭގައި މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންދާ މަސްވެރިކަމުގެ ބާވަތެއް ކަމަށެވެ. އެހެންކަމުން ފަރުމަސް ވެރިކަމަށް ސަރުކާރުން ވަރަށް ބޮޑަށް އެއްބާރުލުންދީ މާލީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފަރުމަސްވެރިކަމަށް މި ހުޅުވައިލެވޭ ލޯނުގައި، އައިސްޕްލާންޓުގެ ވާހަކައެއް ނޫން މި ދައްކަނީ، ފަރުމަސްވެރިކަމަށް، 700،000 ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު އަދި އެ ލޯނަކީ އެއީ ވަަރަށް ލުއި ގޮތަކަށް ލިބޭ ލޯނެއްކަން އަޅުގަނޑުމެންނަށް މި އެނގެނީ"

ޝިޔާމް ވިދާޅުވީ މީގެ ކުރިން ރަހުނު ނުބަހައްޓައި މަސްވެރިންނަށް އެންމެ މަތީ އަދަދަކަށް ނެގެން ހުންނަނީ 500،000 ރުފިޔާގެ ލުއި ލޯނެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ އަދަދު 700،000 ރުފިޔާއަށް ބޮޑު ކޮށްފައިވާ ކަމަށެވެ.

އެ ލޯނުން މަސްވެރިކަމަށް ބޭނުންވާ ދޯނި ބަނުމާއި އެ ކަމަށް ބޭނުންވާ ވަސީލަތް ހޯދުމާއި އެކަން ކޮށްގެން މަސްވެރި އުފެއްދުންތައް އުފައްދަން ވެސް މާލީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުދި އައިސްޕްލާންޓުތަކަށް އިންވެސްޓު ކުރަން ބޭނުންވާ މީހުންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިކަމަށް ހާއްސަ ލުއި ލޯނެއް ތައާރަފު ކުރުމާއި މަސްވެރިންގެ ދަފުތަރެއް އެކުލަވާލުމަކީ މަސްވެރިންނަށް މުހިންމު ދެ ޕްރޮގްރާމެއް ކަމަށާއި އެއާއެކު ހަފުތާގެ14 ގެ ދަށުން ފިޝަރީޒް މިނިސްޓްރީން ކުރަންޖެހޭ ކަންކަންކޮށް ނިމުނީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މި ދެ ޕްރޮގްރާމާއެކީގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއަށް ގުޅުންހުރި ހަފުތާ14ގެ ހުރިހާ ޕްރޮގްރާމުތަކެއް ﷲ ގެ ތަނަވަސް ރަހުމަތުން އަޅުގަނޑުމެންނަށް މި އިފުތިތާހު ކުރެވުނީ" ޝިޔާމް ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީއަށް ހަފުތާ14 ގެ ހުރިހާ ކަމެއް ފުރިހަމަ ކުރެވުނީ މުޖުތަމައުތަކުން ދޭ އެއްބާރުލުމާއި ކަމާގުޅޭ އެހެން ވުޒާރާތަކުގެ އެހީއާއެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ ގައުމީ ދަފުތަރުގެ ވާހަކައަކީ ސަރުކާރުން އެންމެ ގަދަޔަށް ދެއްކި އެ ވާހަކަ ކަމަށާއި މަސްވެރިންގެ ދަފުތަރެއް ހެދީ ދައުލަތް ދަންނަ ބަޔަކަށް މަސްވެރިކަން ހެދުމަށް ކަމަށެވެ. މަސްވެރިންގެ ފަރާތުން ސަރުކާރަށް ލިބޭ އެންމެ ގިނަ އެއް ޝަކުވާއަކީ މަސްވެރިންނާމެދު ތަފާތުކޮށް ކަންކަން ކުރާ ކަމުގެ ޝަކުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިންގެ ދަފުތަރު ފުރިހަމަކޮށް ނިމިގެންދާ އިރު އެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަފުތަރުގެ ސަބަބުން މަސްވެރިންނަށް ވެސް ލުއި ލޯނުތައް ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް މިހާރު އެކި ކަހަލަ އިންޝުއަރެންސް ސްކީމުތަކުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނަ ކަމަށާއި އަދި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން ނަގާފައިވާ ލޯނުތަކަށް ފައިސާ ނުދެއްކި ޑިއު ވެގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކޮލެޖުތަކަށް ފީ ނުދެއްކިފައި އެބަހުރި ކަމަށާއި ޔުޓިލިޓީސް ބިލު ނުދެއްކުމުގެ ސަބަބުން، އިންޓްރެސްޓު އެރުމުގެ އިތުރުން ބައެއް މަސްވެރިންގެ ގެތަކުން ފެނާއި ކަރަންޓު ކަނޑާފައި އެބަހުރި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންގެ ދަފުތަރު މުއައްސަސާތަކާ ގުޅުވާލެވޭ ހިސާބުން މިފްކޯއިން، މަސްދޯނިތަކަށް ދޭން ޖެހޭ ފައިސާގެ އަދަދާއި ދުވަސް މުއައްސަސާތަކަށް އެގެން ހުންނާނެ ކަމަށާއި އެއިރުން އެފަދަ އެއްވެސް ދަތިކަމެއް މަސްވެރިންނަށް ދިމާނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްކަލަ ޔުޓިލިޓީ ކުންފުނިން އެއީ ފެނަކަ ވިޔަސް އެއީ ސްޓެލްކޯ ވިޔަސް އެގޭގެ ކަރަންޓު ނޫނީ އެގޭގެ ފެން ކަނޑާނުލާ ބެހެއްޓޭނެ އިންތިޒާމުތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރަނގަޅު މަސައްކަތެއް ދަފުތަރާއެކީ ކޮށްފިކަމަށްވަންޏާ އެކަންތައް އަޅުގަނޑުމެންނަށް ހައްލު ކޮށްލެވޭނެ" ޝިޔާމް ވިދާޅުވިއެވެ.

ދަފުތަރުގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށް ލުއިތަކެއް ލިބިދޭހެން މަސްވެރިންނަށް ވެސް ހާއްސަ ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.