ބައިނަލް އަގުވާމީ ދަތުރުތައް ފަށައި، ދ. އެއާޕޯޓާއި އިންޑިއާގެ ބެންގަލޫރު ގުޅައިލުމަކީ މަންޓާ އެއާއިން ރާއްޖޭގެ ޓޫރިޒަމަށް ތައާރަފުކުރި ވަރަށް ރަނގަޅު އަދި މުހިންމު މޮޑެލެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މަންޓާ އެއާއިން ބައިނަލް އަގުވާމީ ދަތުރުތައް ފެށީ މިއަދު އެވެ. އެންމެ ފުރަތަމަ ފުލައިޓު އޮތީ، ބެންގަލޫރުން ދ. އެެއާޕޯޓަށެވެ. މި ކަމަށް ޓަކައި ދ. އެއާޕޯޓުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާވައި، އެ ފުލައިޓުން އައި މީހުނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު، "ވަން" އޮންލައިނަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، ބޭރު ގައުމުތަކުން ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކަށް ސީދާ ދަތުރުތައް ފެށުމަކީ، ހުރިހާ އަތޮޅަކަށް ވެސް މުހިންމު ހިދުމަތެއް ކަމަށެވެ. އެކަމުގެ ސަބަބުން ފަތުރުވެރީންނަށާއި ޖުމުލަކޮށް މުޅި އިންޑަސްޓްރީއަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރާނޭ ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އަތޮޅުތަކަށް ސީދާ ފުލައިޓުތައް ފެށުމުން، ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ފަތުރުވެރީންގެ ހިތްހަމެޖެހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ ޓޫރިޒަމްގެ ސަކްސެސް އަކީ ދިވެހީންގެ މެހުމާންދާރީ، ޓޫރިސްޓުންގެ ހިތްހަމަޖެހޭ ގޮތަށް ކަންކަން ކުރާން އެނގުން. މި މޮޑެލްގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ. އެންމެ މުހިންމު ކަމަކީ، ސީދާ ދަތުރުތައް ވީމަ އަގު ހެޔޮވުން، ހަމަ އެއާއި އެކު، ދަތުރަށް ހޭދަކުރަން ޖެހޭ ވަގުތު ސަލާމަތްކުރެވުން. އެހެން ނޫން ނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުލައިޓު ޖައްސާފަ ޑޮމެސްޓިކް އެއާޕޯޓަށް ގޮސް އެހެން ފުލައިޓަކުން އަތޮޅަށް ދާން ޖެހެނީ. އަދި ޓްރާންސިޓް ވަގުތުވެސް އޮންނާނެ. މި ބަދަލާއެކު ޓޫރިސްޓުން އެ ތަކުލީފުތައް ލުއިވެގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައިސަލް ވިދާޅުވީ، މި މޮޑެލް އިތުރަށް ތަރައްގީކޮށް ކުރިޔަށް ގެންދިއުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި، އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ ދިވެހީންނަށާއި ލޯކަލް ޓޫރިޒަމަށްވެސް މިއީ ފައިދާ ބޮޑު މޮޑެލެއް ކަމަށެވެ. ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޓޫރިސްޓުން އުފުލުމުގައި ވެސް ދިމާވާ އެންމެ ބޮޑު ދައްޗަކީ ގުޅިފައިވާ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ނެތުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓުތަކަށް ބޭރު ގައުމުތަކުން ސީދާ ފުލައިޓުތައް އައުމަކީ ލޯކަލް ޓޫރިޒަމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނޭ ކަމެއް ކަމަށެވެ.
"މިސާލަކަށް މާފުއްޓަށް ބައްލަވާ! މާފުށީގެ ލޯކަލް ޓޫރިޒަމްގެ ކާމިޔާބުގެ އެންމެ މުހިންމު އެއް ސަބަބަކީ ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން. އެހެންވީމާ މުޅި ރާއްޖެވެސް އެގޮތަށް ގުޅާލެވެން ޖެހޭ. އެކަމަށް ބޭނުންވާ މަސައްކަތްތައް މި ސަރުކާރުން ކުރާނެ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ގުޅިފައިވާ މި ފަދަ ފަސޭހަ ނިޒާމެއް އޮވެއްޖެ ނަމަ، ޑިއުޓީ ނިންމައި، އަމިއްލަ ރަށަށް ދާން ބޭނުންވާ ދިވެހީންނަށްވެސް ފަސޭހަ ފުރުސަތުތަކެއް އޮންނާނެ ކަމަށާއި އެއިރުން އިޖުތިމާއީ އެހެން ފައިދާތައްވެސް ކުރާނެ ކަމަށެވެ. ލޯކަލް ޓޫރިޒަމަށް ހުރި ގިނަ ގޮންޖެހުންތައް ނެތިގެންގޮސް، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ދިވެހީންނަށް ވެސް ފުރުސަތު ހުޅުވިގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މަންޓާއިން މިކަން ފެއްޓެވި ކަމަށްޓަކައި، އެ އެއާލައިންގެ ސީއީއޯ ޚަލީލު، އަދި ކުންފުނީގެ އެހެން ވެރީންނާއި ހީވާގި މުވައްޒަފުންނަށް އަޅުގަނޑު ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުން." މިނިސްޓަރު ފައިސަލް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު