ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން، މިއަދު އައްޔަންކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންނަށް މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންއެވެ. އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ފުލުހުންގެ ސީނިއާ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑީސީޕީގެ މަގާމަށް އައްޔަންކުރެއްވި ފަރުހާދު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވީ 1991 ވަނަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ވަނީ ފުލުހުންގެ އެކި ޑިޕާޓުމެންޓުތަކުގައި މަސައްކަތް ކުރައްވައިފައެވެ.

އެގޮތުން އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ ވެރިއެއްގެ ގޮތުގައި ފަރުހާދު ވަނީ މަސައްކަތް ކުރައްވައިފައެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ފަރުހާދު ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމުގައެވެ.

ފުލުހުންގެ ކުރީގެ ކޮމިޝަނާ މުހައްމަދު ހަމީދު، އެ މަގާމު އަމިއްލަ ރިޓަޔާވުމާ ގުޅިގެން ފަރުހާދު ވަނީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުވެސް އަދާ ކުރައްވައިފައެވެ.

ނަވީންއަކީ 1994 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ނަވީން ވަނީ އޮޕަރޭޝަނަލް ދާއިރާ، ތަހުގީގީ ދާއިރާ، އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ ޑިޕާޓުމެންޓުގެ ވެރިއެއްގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވައިފައެވެ. ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަައަށް ނަވީން ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގައެވެ.