މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ދ. ކުޑަހުވަދޫއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.

އިންޑިއާގެ ބެންގަލޫރުން މިއަދު ހެނދުނު ފުރައިގެން މަންޓާ އެއާގެ ފްލައިޓް ސީދާ ދާލު އެއާޕޯޓަށް ވަނީ ޖައްސައިފައެވެ.

ރާއްޖޭގެ އެންމެ ހަގު އެއާލައިން، މަންޓާ އެއާގެ ފުރަތަމަ އިންޓަނޭޝަނަލް ފްލައިޓް މިއަދު ދާލު އެއާޕޯޓަށް ޖައްސާފައިވާ އިރު، މިއީ ދާލު އެއާޕޯޓުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.

ދާލު އެއާޕޯޓުގައި ހުންނަވައި މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތައް ފެށުމުގެ މައިގަނޑު އެއް މަގުސަދަކީ ޓޫރިޒަމް އިތުރަށް ފުޅާ ކުރުން ކަމަށާއި ބެންގަލޫރަށް ދަތުރުތައް ފެށުމުން މި ސަރަހައްދުގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

ހަލީލް ވިދާޅުވީ މާޗް ފަސް ވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ބެންގަލޫރާއި ދާލު އެއާޕޯޓާ ދެމެދު ދަތުރުތައް އޮންނާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ދާލު އެއާޕޯޓް ބޮޑު ކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެއާބަސް ފަދަ ބޯޓުތައް ޖެއްސޭނެ ކަމަށެވެ. އަދި ޓާގެޓަކީ އިންޑިއާ އާއި އެހެން ސަރަހައްދުތަކުންވެސް ދާލަށް ސީދާ ދަތުރުތައް ފެށުން ކަމަށެވެ.

"އޭގެ މާނައަކީ އިންޑިއާގެ އެހެން ސިޓީތަކާއި ސްރީލަންކާ އާއި ޗައިނާ އާއި މިޑްލް އީސްޓް ފަދަ ސަރަހައްދުތަކުން ސީދާ ދާލަށް ދަތުރުތައް ފެށުން. ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފެށުން ޓާގެޓަކީ،" ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އިންޓަނޭޝަނަލް ދަތުރުތަކުގެ ސަބަބުން މަންޓާގެ ފްލައިން އަވާސް އިތުރުންވެގެންދާނެ ކަމަށާއި އެއީ އެއާލައިނަކަށް ލިބޭނެ އެންމެ ބޮޑު ފައިދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑޮމެސްޓިކް އެއާޕޯޓުތައްވެސް ތަރައްގީވެ، އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދ. އަތޮޅުގައި 8 ރިސޯޓެއް ހިންގައެވެ. އޭގެ ތެރޭގައި އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހިމެނެ އެވެ. މި ރިސޯޓުގެ ތަކުގެ ތެރެއިން، ކަނޑިންމަ މޯލްޑިވްސް އާއި ނިޔާމަ ރިސޯޓުގެ އޯނަރަކީ، ދ. އެއާޕޯޓުގެ ވެރިފަރާތްތަކަމުގައި ސަންޖޭ މަނިކެވެ.