މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 381 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ވަނީ މިއަދަށް ހަމަވެފައެވެ.

ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ ހަމައެކަނި މިއަދު 86 މީހަކު ވަނީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައި ކަމަށެވެ.

"ޖުމުލަ 381 ފޯމު ވަނީ ހުށަހަޅާފައި. މިއަދު ހުށަހެޅި 86 ފޯމު،" ހަބީބު ވިދާޅުވިއެވެ.

އޭގެ ތެރެއިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލުކުރާނެއެވެ. އެހެންކަމުން އެ އަދަދަށް ބަދަލު އައުން އެކަށީގެންވެއެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވަން އީސީން މީގެ ކުރިން ނިންމާފައިވީ ނަމަވެސް އިންތިހާބާ ބެހޭ ގާނޫނަށް އެމްޑީޕީން ހުށަހަޅައިގެން މި ފަހުން މަޖިލީހުން އިސްލާހު ގެނެސްފައިވަނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.