ދުބާއީން: މުހައްމަދު ސިމާއު/ ވަން އޮންލައިން

ރާއްޖޭގައި ހަ ޑޮމެސްޓިކް އެއާޕޯޓާއި އައްޑޫގައި ހައުސިން މަޝްރޫއެއް ހިންގުމުގެ ޝައުގުވެރިކަން ދިވެހި ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށް ޔޫއޭއީގައި ފުޅާކޮށް ވިޔަފާރިކުރައްވާ މަހުޖަނު އާއިލާއެއް ކަމަށްވާ އަލްސުވޭދީ އާއިލާގެ ޔުނައިޓެޑް ސްޓާ ގުރޫޕުން ބުނެފިއެވެ.

ދުބާއީގައި އިއްޔެ ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ބައިވެރިވެވަޑައިގެން އެ ގުރޫޕުގެ ސީއީއޯ ނިޕޫނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންވެސްޓް ކުރުމަކީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި "ވިން/ވިން" އިންވެސްޓްމަންޓެކެވެ.

އެގޮތުން ރާއްޖޭގައި ހަ ރީޖަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން އައްޑޫ ސިޓީގައި 100 މިލިއަން އެމެރިކާ ޑޮލަރުގެ ހައުސިން މަޝްރޫއެއް ހިންގުމަށްވެސް ދިވެހި ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅާފައިވާނެ ކަމަށް ނިޕޫނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ހައުސިން ޕްރޮޖެކްޓަކީ އެ ކުންފުނިން ފައިނޭންސް ކޮށްގެން ހިންގަން ބޭނުންވާ ޕްރޮޖެކްޓެކެވެ. އެ މަޝްރޫއުގެ ދަށުން 504 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަހަރެމެން ކުންފުނިން ފައިނޭންސް ކޮށްގެން އެ ޕްރޮޖެކްޓް ހިންގަން ހުށަހަޅާފައިވާނީ ސަރުކާރަށް ބުރައަކަށް ނުވާނެ ގޮތަށް 20 އަހަރުން ފައިސާ ދައްކަންޖެހޭ ގޮތަށް. ހައުސިން މަޝްރޫއުގެ ދަށުން ހަދާނީ ސްމާޓް ހައުސިންތަކެއް. އޭރުން ދެ އަހަރެއް ތެރޭ އެ ހައުސިންތަކުގެ ބެލްކަނިތަކަށް ސީދާ ޑްރޯން ޖެއްސޭގޮތަށް ޕޯޓް ހަރުކޮށްފައި ހުންނާނެ, ނިޕޫނާ ވިދާޅުވިއެވެ.