ދުބާއީ އިން (މުހައްމަދު ސިމާއު، ވަން އޮންލައިން)

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި ހުއްޓުމެއްނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދީފިއެވެ.

އެ ޔަގީންކަން ދިނީ އަބޫދާބީ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

މި ސިޓީގައި މިހާރު ކުރިއަށްދާ ވޯލްޑް ގަވަރުމަންޓް ސަމިޓުގެ ހަވާސާގައި ކުރެއްވި އެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އަބޫދާބީ ފަންޑުން ރާއްޖެއަށް ހުއްޓުމެއް ނެތި ފޯރުކޮށްދޭ މާލީ އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.

ދެ ބޭފުޅުން ވަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށާއި އަބޫދާބީ ފަންޑުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ.

އަދި އަބޫދާބީ ފަންޑުގެ އެއްބާރުލުމާއެކު ރާއްޖޭގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުންނާއި ދެ ފަރާތުން ގުޅިގެން އިތުރަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިއްހީ ދާއިރާ އަދި އިގުތިސާދީ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.