މީސްމީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ފޭސްބުކާއި އިންސްޓަގްރާމުން އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއަށް ނިސްބަތްވާ އެކައުންޓްތައް ޑިލީޓްކޮށްފިއެވެ. މި ފިޔަވަޅު އެޅީ އިޒްރޭލާ ދެކޮޅަށް ހަމާސްގެ މުޖާހިދުން ކުރަމުންދާ ޖިހާދަށް ޚާމަނާއީ ތާއީދު ކުރައްވައި ހިތްވަރު ދެއްވާ ދެއްވުމަކީ މި ދެ ޕްލެޓްފޯމުގެ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށް ބުނެފައެވެ.
ފޭސްބުކާއި އިންސްޓަގްރާމަކީ އެމެރިކާގެ މަހުޖަނެއް ކަމަށްވާ މާރކް ޒުކަބާގްގެ މެޓާ ކުންފުންޏަށް ނިސްބަތްވާ ދެ ޕްލެޓްފޯމެވެ. އޮކްޓޫބަރު ހަތެއްގައި ގާޒާގެ ހަނގުރާމަ ފެށުނުފަހުން ޒަޔަނިސްޓުން ގެންދަނީ ޚާމަނާއީގެ އެކައުންޓްތައް ޑިލީޓް ކުރުމަށް ކެނޑިނޭޅި މެޓާއަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. މެޓާގެ ހެޑް އޮފީސް ގާއިމްވެގެންވަނީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައެވެ.
މެޓާއިން ޚާމަނާއީއާ ދެކޮޅަށް ފިޔަވަޅު އެޅިއިރު އިޒްރޭލުގެ ގަތުލުއާއްމަށް ހިތްވަރުދީ ތާއީދުކުރާ ފަރާތްތަކުގެ އެކައުންޓްތައް ޑިލީޓެއް ނުކުރެއެވެ. އިޒްރޭލުގެ ބޮޑުވަޒީރާއި ކެބިނެޓުގެ ވަޒީރުންގެ އެކައުންޓުތައްވެސް ޑިލީޓެއް ނުރެއެވެ. އަދި އެމީހުން ޕޯސްޓްކުރާ ތަކެތި ސެންސަރެއްވެސް ނުކުރެއެވެ. މި އެކައުންޓްތަކަކީ ފަލަސްތީނުގެ އަންހެނުންނާއި ތުއްތުކުދިންވެސް ހިމެނޭގޮތުން އެންމެން މެރުމަށް ތާއީދުކޮށް ތަކެތި ޕޯސްޓްކުރާ އެކައުންޓްތަކެވެ. އެހެންވީމާ ގައިޑްލައިނާ ޚިލާފުވެގެން ޚާމަނާއީގެ އެކައުންޓުތައް އެކަނި ޑިލީޓްކުރުމަކީ ވަރަށް ހެއްވާ ތާކުންތާކު ނުޖެހޭ ކަމެއްކަމަށް ވަރަށް ގިނަބަޔަކު ބުނެއެވެ.
ފޭސްބުކާއި އިންސްޓަގްރާމުން ޚާމަނާއީގެ އެކައުންޓްތައް ޑިލީޓް ކުރިކަމަށްވިޔަސް މިހާރުގެ އެކްސް ނުވަތަ ކުރީގެ ޓުވިޓަރުން އެކަމެއް ނުކުރެއެވެ. ޚާމަނާއީގެ ނަމުގައި މީސްމީޑިއާގައި އެކައުންޓްތައް އޮޕަރޭޓް ކުރަނީ އޭނާގެ އެހީތެރިންނެވެ. އޮކްޓޫބަރު ހަތެއްގެ ހަމަލާޔާ ގުޅިގެން ޚާމަނާއީގެ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ޒަޔަނިސްޓް ދައުލަތާ ދެކޮޅަށް ހަމާސްގެ މުޖާހިދުން ދެއްކި ހިތްވަރާއި ހިންގި ހަރަކާތަށް ސާބަސް ކަމުގައެވެ. މުޖާހިދުންގެ އަތްތިލައިގައި ބޮސްދޭންޖެހޭ ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ