ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު މަޖިލީހުގެ ދަނގެތި ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދަށް ދޭން އެ ޕާޓީން ނިންމައިފިއެވެ.

އިލްހާމް ރިޔާސީ އިންތިހާބުގައި ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ޖުމްހޫރީ ޕާޓީ ބަލިވުމުން، އިލްހާމް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެއިރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައިފައެވެ.

އިލްހާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ފުނަދޫ ދާއިރާއަށް ވާދަކުރުމަށް ނިންމައިފިން ކަމަށެވެ.

"ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދަށް އެދޭ ވާހަކަ އިހުލާސްތެރިކަމާއެކު ދަންނަވަން" އިލްހާމް ވިދާޅުވިއެވެ.

މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރަކަށް މިހާރު ހުންނެވީ މުހައްމަދު ޝާހިދެވެ. އެއީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެކެވެ. އޭނާ ވަނީ މިއަހަރު ބާއްވާ މަޖިލިސް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް އެ ދާއިރާގެ ޓިކެޓު ވެސް ކަށަވަރުކޮށްފައެވެ. ނަމަވެސް ޝާހިދު ފަހުން ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ނުކުރުމަށް ނިންމައިފައެވެ.

ޝާހިދު، މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވުނުން، އެމްޑީޕީން ވަނީ ފުނަދޫ ދާއިރާގެ ޓިކެޓަށް ޝައުގުވެރިކަން ހުރި މީހުންނަށް ފުރުސަތު ހުޅުވާލައިފައެވެ. އިލްހާމަށް، ފުނަދޫ ދާއިރާގެ އެމްޑީޕީ ޓިކެޓު ދިނުމަށް ނިންމީ އެގޮތުގެ މަތިން، އިލްހާމް ޝައުގުވެރިކަން ފާޅުކުރުމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މަތިވެރި ދާއިރާއަށް އިލްހާމް ވާދަކުރާނެކަން ހާމަކުރި ނަމަވެސް، ފަހުން އޭނާ ވަނީ ޕްރައިމަރީގައި ވާދަ ނުކުރެއްވުމަށް ނިންމަވައިފައެވެ.

އިލްހާމް 18 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގައެވެ. ނަމަވެސް ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރެއިން އޭނާ ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެ ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއިން އިލްހާމް ހައްޔަރު ވެސް ކުރިއެވެ.