ރ. އުނގޫފާރުގެ ބިން މިހާރު ހިއްކުމަށް ހަމަޖެހިފައިވާ މިންވަރަށްވުރެ ބޮޑުކޮށް، އިތުރު ތިން ހެކްޓަރަށް ހިއްކައިދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒާ ސުވާލުކުރެވޭ ގޮތަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު"ގެ މިއަދުގެ ޕްރޮގްރާމުގައި ބައިވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދެއް ވެވަޑައިގެންފައިވާނަމަ، އެ ވައުދެއް ވެވަޑައިގެންނެވި ގޮތަށް ފުއްދަވާނެ ކަމަށެވެ.
"އަޅުގަނޑު ވައުދުވިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެ ކަމަށް. މިހާރު ސްކޯޕްގައި އޮތް ވަރަށް އަދި އިތުރު ތިން ހެކްޓަރު އިތުރުކޮށްގެން ހިއްކީމާ ޝިޔާމް ފާހަގަކުރެއްވި ގޮތަށް ރަށު ރައްޔިތުން ކަންބޮޑުވާ މައްސަލައިގައި ތިން ހެކްޓަރު އިތުރު ވީމާ، ފަޅު ތެރެއިން ހިއްކެން އޮތް އެންމެ ބޮޑަކަށް އެބަ ހިއްކޭ،" ރައީސް ވިދާޅުވިއެވެ.
އުނގޫފާރުގެ ބިން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން އެ ރަށަށް ވަޑައިގެން ވައުދުވެވަޑައިގެންފައެވެ.
ކުރީ ސަރުކާރުން ވަނީ 2021 ވަނަ އަހަރު އުނގޫފާރުގެ ބިން ހިއްކުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ. އެމްޓީސީސީއާ ހަވާލުކުރީ 10 ހެކްޓަރުގެ ބިން ހިއްކުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު