ރާއްޖޭގެ ތާރީޚު ލިޔެވެން ފެށިފަހުން އެންމެ ވިޔާނުދާ ރަސްކަމެއްކުރި ޚާންދާނަކީ ހިލާލީ ޚާންދާނެވެ. މި ޚާންދާނުގެ ވެރިކަން 170 އަހަރަށް ދެމިގެންދިޔައެވެ. އެއީ ހަލަބޮލި ދުވަސްތަކެކެވެ. ހިލާލީ ރަސްކަން ދެމިއޮތީ މީލާދީން 1388 ވަނަ އަހަރުން ފެށިގެން 1558 ވަނަ އަހަރާ ހަމައަށެވެ. ހިލާލީ ދަރިކޮޅުގެ ފުރަތަމަ ރަސްކަލަކީ ސުލްތާން ހަސަން އަލްހިލާލީ ސްރީ ވީރަ ބޮވަނަ މަހާރަދުންނެވެ. މިރަދުން ޖުމްލަ ދިހަ އަހަރު ރަސްކަން ކުރެއްވިއެވެ. ހިލާލީ ޚާންދާނޭ ކިޔަން ފެށުނީ މިރަދުންނަކީ ހިލާލީކަލޯގެ ދަރިކަލަކަށް ވުމުންނެވެ. ކޮންމެއަކަސް މި ޚާންދާނުގެ އެންމެފަހު ރަސްކަލަކީ ސުލްތާން އަލީ ހަވަނަ އައުދަ ސިޔާކަ ކައްތިރި މަހާރަދުންނެވެ. މަޝްހޫރު ޝަހީދު އަލިރަސްގެފާނަކީ އެއީއެވެ. މިރަދުންގެ ރަސްކަން ދެމިއޮތީ ގާތްގަޑަކަށް އަހަރެއްހައި ދުވަހުއެވެ. އަލިރަސްގެފާނަށް ތަޚުތު ލިބިވްޑައިގަތީ ފިރިހެންމަތިފުށުން ހިލާލީ އަމީރަކަށް ވެގެނެއް ނޫނެވެ. ކައިވެނިފުޅެއްގެ ސަބަބުންނެވެ. އަލިރަސްގެފާނުގެ އަނބިކަނބަލަކީ މަޝްހޫރު ކަނބާއައިޝާ ރަނިކިލެގެއެވެ.

އަލިރަސްގެފާނުގެ ބަފައިކަލުންނަކީ ބޮޑުވަޒީރު އަބްދުއްރަހުމާން ދޮށިމޭނާކަލޯއެވެ. މައިކަނބަލަކީ ސިއްތި ރަނިކިލެގެއެވެ. ކުރިންވެސް ދެންނެވިފަދައިން މި އަލިރަސްގެފާނު ކައިވެނި ބެއްލެވީ ހުރިހާގޮތަކުން ހިލާލީ އަމީރާއަކާއެވެ. ކަނބާއައިޝާ ރަނިކިލެގެއާއެވެ. މި ކަނބާއައިޝާގެ ބަފައިކަލުންނަކީ ތިން ފަހަރެއްގެ މަތިން ދިގު ރަސްކަމެއް ކުރެއްވި މަޝްހޫރު ކަޅު މުހައްމަދު ރަސްގެފާނެވެ. މައިކަނބަލަކީ ދިވެހި ތާރީޚުގައި މަޝްހޫރު ބުރެކިރަނިންއެވެ. ހިކުމަތްތެރިކަމާއި ރޭވުންތެރިކަމުގައި ދެވަނައެއްނުވާ އަންހެން ބޭފުޅެކެވެ. ފިރިކަލުން ކަޅު މުހައްމަދަށް ތިންފަހަރު މަތިންވެސް ތަޚުތު ހޯއްދަވައި ދެއްވީ އެކަމަނާއެވެ. ބުރެކިރަނިންގެ ކާފާފުޅަކީ މަޝްހޫރު އާބަކުރު ރަސްގެފާނެވެ. ދިވެހި ތާރީޚުގައި މަޝްހޫރު ދޮންހިޔަލަ ވާހަކައިގައި ކިޔާ ހިޔަލަ ހޯއްދަވަން ކޮޅުމަޑުލަށް ވަޑައިގެންނެވީ މިރަދުންނެވެ. ބުރެކިރަނިންގެ މާމާފުޅަކީ މިގޮތުން އާބަކުރު ރަސްގެފާނު ކޮޅުމަޑުލުން ގެންނެވި ހިޔަލައެކެވެ.

އެދުވަސްވަރަކީ ހިލާލީ ދަރިކޮޅުގެ އަންހެން ބޭފުޅުން ނިކަން އަވަދިނެތި ސިޔާސީ ބޮޑެތި ރޭވުންތައް ރޭއްވެވި ދުވަސްވަރެވެ. ކަނބާއައިޝާގެ ނާރުފުޅުތަކުގައި ދައުރުވަމުން ދިޔައީވެސް މިދެންނެވި ހިލާލީވަންތަ ސިޔާސީ ލެއެވެ. އަލިރަސްގެފާނަށް ތަޚުތު ހޯއްދަވައިދެއްވީ މިކަހަލަ ރޭއްވެވުމެއްގެ ތެރެއިން ކަނބާއައިޝާއެވެ. ބަފައިކަލުން ކަޅު މުހައްމަދަށް މައިކަނބަލުން ބުރެކިރަނިން ތަޚުތު ހޯއްދަވައިދެއްވި ބީދައިންނެވެ. އެދުވަސްވަރު ރާއްޖެއާ ތޮޅެން ޕޯޗުގީޒުން ދޭތެރެ ދޭތެރެއިން އާދެއެވެ. މިކަމެއް ފެށުނީ ހިލާލީ ރަސްރަސްކަލުންގެ ތެރެއިން ނުވަ ވަނަ ހަސަން ރަސްގެފާނު މުރުތައްދުވެ، ދީންދޫކޮށް ނަސްރާނިއްޔަކަން ގަބޫލުކޮށް ދިވެހިރާއްޖެވެސް ދޫކޮށް ގޯވާއަށް ހިޖުރަކުރި ހިސާބުންނެވެ. އޭނާއަށް ވިލާތުގެ ސަގާފަތާއި އުޅުން މާބޮޑަށްވެސް ރީތިވީއެވެ. ކަމުދިޔައީއެވެ. މި ހަސަން ރަސްގެފާނަކީ އަލިރަސްގެފާނުގެ އަނބިކަނބަލުން ކަނބާއައިޝާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ.

ދީން ބަދަލުކޮށްގެން ނަންވެސް ބަދަލުކޮށްގެން ވިލާތު ފަރަންޖީއަކާ އިނދެގެން އެވަރުން ފުއްދާލައިގެން ހިމޭނުން ހުންނާކަށް މިދެންނެވި ހަސަނު ގަސްތެއް ނުކުރިއެވެ. އޭނާގެ އައު ނަމަކީ ޑޮން މެނުއެލްއެވެ. ދެންވެސް ދިވެހިރަސްކަން މިލްކުވެގެންވަނީ އޭނާއަށް ކަމަށް ގަބޫލުކޮށް، ދިވެހިރާއްޖެ ހިފައި، އެންމެހައި ދިވެހިންވެސް ނަސްރާނިއްޔަ ކުރުމަށް ގަސްތުކޮށް، ގޯވާގައި ތިބި ޕޯޗުގީޒުންގެ ކިބައިން އެހީތެރިކަން ހޯދައިގެން އެއްފަހަރަށްވުރެ ގިނަފަހަރު މަތިން މި ރާއްޖެއަށް އޭނާ ލަޝްކަރުތައް ފޮނުވިއެވެ. ފުރަތަމަ ދެފަހަރު ނާކާމިޔާބުވީއެވެ. ފަހުފަހަރު ނުވަތަ ތިންވަނަ ފަހަރު ފޮނުވިއިރު ތަޚުތުގައި އިންނެވީ މި ޑޮން މެނުއެލްގެ ޅިޔަން ރަދުން އަލިރަސްގެފާނެވެ. މިފަހަރު މި އައުމެއް އައީ މީލާދީން 1558 ވަނަ އަހަރުއެވެ. ވަރަށް ބޮޑަށް ތައްޔާރުވެގެން ހަތިޔާރުލައި ފުރާފައިއޮތް ތިން ގުރާބުގައެވެ. މިމީހުންގެ ވެރިންނަށް ތިބީ އަނދިރި އަނދިރިންނާއި ވިޔަޒޯރެވެ. އަނދިރި އަނދިރިންނަކީ އަސްކަރީ ކޮމާންޑަރެވެ. ވިޔަޒޯރަކީ ސިޔާސީ މުޝީރެވެ.

މިދެންނެވި ތިން ގުރާބުގައި މި ލަޝްކަރު އައިއިރު މާލެއޮތީ ދެބައިވެފައެވެ. އެއްބަޔަކު ތިބީ ޑޮން މެނުއެލްއަށް ތާއީދުކޮށްގެންނެވެ. އަނެއްބަޔަކު އަލިރަސްގެފާނާ އެކުގައެވެ. އައްޔަކަސް އަނދިރިއަކަސް އަހެރެމެންނަަށް ވަރިހަމައޭ، ކޮން ފަރަގެއްހޭ ބައެއް މީހުން ބުނީ މި ފިތުނައިގެ ތެރެއިންނެވެ. މާލޭގެ ހުޅަނގު ދެކުނު ފަޅުމަތީގައި އަލިރަސްގެފާނު ޝަހީދުވުމުގެ ސަބަބަކީ އެރަދުންނަށް އޮޅުވާލައިގެން ބަޔަކު އެހިސާބަށް ގެންދިއުމުންނެވެ. އެރަދުންގެ އަރިހުގައި ދިވެހި ލަޝްކަރު ސާބިތުވެގެންނެތީ ފިތުނައިގެ ހުޅުގަނޑު ރޯވެފައިވާ މިންވަރު ބޮޑުކަމުންނެވެ. ލަޝްކަރީންނާއި ހިލާލީންގެ ތެރޭގައި ޑޮން މެނުއެލް ކޮޅަށް ތިބި މީހުން ގިނަވީމައެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން އަލިރަސްގެފާނުގެ އަނބިކަނބަލުން ކަނބާއައިޝާއަކީ މި ޑޮން މެނުއެލްގެ ބޮޑުދައިތާފުޅެވެ. އަނދިރި އަނދިރިންނާއި ވިޔަޒޯރު އައިސްގެން މިއުޅެނީ ޑޮން މެނުއެލްގެ ރަސްކަން އަލުން އިއާދަކުރުމަށެވެ.

ހިލާލީންގެ ތެރޭގައި ގިނައިން ތިބީ އަލިރަސްގެފާނާ އެއްކޮޅު މީހުންނަށްވުރެ ދެކޮޅު މީހުންނެވެ. އަލިރަސްގެފާނު ޝަހީދުވީ އެގޮތުންނެވެ. ޝަހީދުވެވަޑައިގަތީ ހިޖުރީ ސަނަތުން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ. މީލާދީ ކަލަންޑަރުން އެއީ 19 މެއި 1558 އެވެ. މިއަދަކީ އެ ހިތާމަވެރި ހާދިސާއަށް ހިޖުރީގޮތުން 480 އަހަރު ފުރުނު ދުވަހެވެ. މިއަދަކީ ހިޖުރީ ކަލަންޑަރުން 1 ޝައުބާން 1445 އެވެ. މިދުވަަހަކީ ދިވެހިރާއްޖޭގައި ފާހަގަކުރާ ޝަހީދުންގެ ދުވަހެވެ. މިދުވަސް ނިސްބަތްކުރެވެނީ އަލިރަސްގެފާނަށެވެ. ކޮންމެއަކަސް އަލިރަސްގެފާނު ޝަހީދުކޮށް ރާއްޖެ ހިފައި ޑޮން މެނުއެލްގެ ނަންމަތީގައި އަނދިރި އަނދިރިން ވަނީ ފަނަރަ އަހަރަށް މިރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ކޮށްފައެވެ. ޕޯޗުގީޒުންގެ އިސްތިއުމާރު ނިމުމަކަށް ގެންނެވީ ވަރަށް ވަރުގަދަ ގައުމީ ޖިހާދަކަށްފަހު މީލާދީން 1573 ވަނަ އަހަރު އުތީމު ރަދުންނެވެ. އުތީމު ބޮޑުތަކުރުފާނެވެ. އެރަދުންގެ ޖިހާދަށް ނިސްބަތްކުރެވޭ ދުވަހަކީ ރާއްޖޭގެ ގައުމީ ދުވަހެވެ.

އަދިއެހެން ވާހަކައެކެވެ. ޝަހީދު އަލިރަސްގެފާނަަށް ހިތްވަރު ދެއްވައި ޖިހާދަށް ބާރުއަޅުއްވައި ވަފާތެރިކަމުގައި ނަމޫނާ ދެއްކެވި ބޭފުޅަކީ އަނބިކަނބަލުން ކަނބާއައިޝާއެވެ. އަލިރަސްގެފާނު ޝަހީދުކޮށް ދިވެހިންގެ މިނިވަންކަން ފޭރިގަތް ޕޯޗުގީޒުން އޭގެ ފަނަރަ އަހަރު ފަހުން ބަލިކޮށް ފައްސައިލުމުގެ ޖިހާދުގެ މޭސްތިރިއަކީވެސް ހަމަ އެ ކަނބާއައިޝާއެވެ. ބޮޑުތަކުރުފާނުގެ ޖިހާދަށް މަގުފަހިކޮށްދެއްވައި ކަޅުއޮށްފުންމި ވުޖޫދުކުރައްވައި ދަރިކަނބަލުން ސިއްތިމާވާޔާއި ބޮޑުތަކުރުފާނު ކައިވެނިކޮށްދެއްވި ބޭފުޅަކީ ކަނބާއައިޝާއެވެ. މި ޖިހާދުގައި ޚުދު ކަނބާއައިޝާ ވަނީ ޕޯޗުގީޒުންގެ އަތުން ޝަހީދުވެފައެވެ. ފިރިކަލުން ފަދައިން ކަނބާވެސް ގައުމީ ޖިހާދުގައި ޝަހީދުވީއެވެ. މިއަދު އެ ކަނބާގެ މަހާނަ ކޮބައިބާވައެވެ. މަހާނަހުރީ ތިލަދުންމަތީ ބާރަށުގެ ބޮޑު މަގުގެ މެދުގައެވެ. މަގު ހަދައިފައި އެއޮތީ މާފަހަކުން މަހާނައިގެ މަތިންނެވެ. ކާރާއި ޕިކަޕާއި ސައިކަލް ދުއްވަނީ މަހާނައިގެ މަތިންނެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރާއިރު ކަނބާއަށް ހައްގުވަނީ މިދަރަޖަ ބާވައެވެ؟