ރާއްޖޭގައި ދިރިއުޅޭ ދިވެހިންނާއި ބިދޭސީންގެ މެދުގައި ފައިލޭރިއާ ބަލި ހުރި މިންވަރު ދެނެގަތުމަށްޓަކައި މުޅި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ ފައިލޭރިއާ ސްކްރީނިން ޕްރޮގްރާމު އަންނަ ހުކުރު ދުވަހު ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި އެޗްޕީއޭގެ އިތުރުން މޯލްޑިވްސް ރެޑް ކްރެސެންޓާއި އަތޮޅު ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން ހަރަކާތްތެރިވާނެ ކަމަށެވެ.

އެ ހަރަކާތް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ބައެއް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި ވެސް ސްކްރީނިން ހަރަކާތް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެ ސްކްރީނިން ހަރަކާތުގައި ބައިވެރި ކުރެވޭނީ ކޮންމެ ރަށަކުންވެސް ވަކި އަދަދެއްގެ މީހުން ކަމަށެވެ.

އެޗްޕީއޭ އިން ބުނީ ސްކްރީން ކުރާނީ ގުރުއަތުން ހޮވައިލެވޭ އުމުރުން 18 އަހަރުންމަތީގެ ދިވެހިންނާއި ބިދޭސީން ކަމަށާއި އެ ސްކްރީނިިންގައި ފައިލޭރިއާއަށް ޓެސްޓުކުރާނީ ލޭނަގައިގެން އެންޓިޖަން ޓެސްޓު ކިޓު ބޭނުންކޮށްގެން ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ 10-15 މިނެޓުގެ ތެރޭގައި ލިބޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ޓެސްޓު ހެދުމަށްފަހު ޕޮޒިޓިވްވާ މީހުން، ފައިލޭރިއާއަށް ދޭ ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭހަކީ ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުން ދޭ ބޭހެއް ކަމަށެވެ. އެ ބޭސް ކާން ޖެހެނީ އެއްފަހަރު ކަަމަށާއި ޕޮޒިޓިވްވާ މީހުން އެ ބޭސް ކެއުމުން އެމީހުންގެ ބައްޔަށް ފަރުވާ ކުރެވުމާއެކު އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުންވެސް ހުއްޓުވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ އެ ސްކްރީނިންގައި ބައިވެރިވުމަށް ގުރުއަތުން ހޮވޭ ގޭގެއަށް ޓީމުތައް އަންނަ ހުކުރު ދުވަހު ހަވީރު 4.00 އިން ރޭގަނޑު 9.00 އާ ދެމެދުގެ ވަގުތެއްގައި، އެ ގޭގެއަށް ސިއްހީ ހިދުމަތްތެރިން ޒިޔާރަތް ކުރާނެ ކަމަށެވެ.

އެޗްޕީއޭގެ އިއުލާނުގައި އިތުރަށް ވަނީ، ބިދޭސީންގެ ތެރެއިންވެސް ހޮވައިލެވޭ ފަރާތްތަކަށް ސްކްރީނިން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާ ސުވާލުކުރާނެ ކަމަށެވެ. އޭގެ އިތުރުން އަންނަ ހޯމަ ދުވަހު އެ ސްކްރީން ޕްރޮގްރާމްގެ ދަށުން ޕްރީ ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކެއްގައި ކުރިއަށްގެންދާނެ ކަމަށެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާ އެންމެ ފުރަތަމަ ފެނުނީ މިދިޔަ ޑިސެމްބަރު މަހު ކުޅުދުއްފުށި ސިޓީންނެވެ. އެ ސިޓީން 26 ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާ އިރު، އެ ސިޓީން ބިދޭސީންނާއި ދިވެހިން ހިމެނޭހެން 500 އަށްވުރެ ގިނަ މީހުން ވަނީ ޓެސްޓުކޮށްފައެވެ. އޭގެ ފަހުން މާލެ ސަރަހައްދުން ވެސް ހަތް ބިދޭސީއަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.