ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތެރޭގައި ގިނަ ވައްތަރުތަކުގެ މިޔަރު ހިމެނެ އެވެ. މިޔަރާއި އެކު ފެތުމުގެ އަޖައިބުކުރުވަނިވި ކަންތައްތަކުގެ ސަބަބުން ފަތުރުވެރީންނާއި ފެނުގެ ހަރަކާތްތަކަށް ލޯބިކުރާ ގިނަ ބަޔަކު ރާއްޖެއަށް އާދެ އެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 30 ވައްތަރެއްގެ މިޔަރު އުޅޭއިރު، އޭގެ ތެރޭގައި ސްކެލޮޕްޑް ހެމާހެޑް ޝާކް (ކާލިގަނޑު މިޔަރު ނުވަތަ ކަނުއޮޅި މިޔަރު ނުވަތަ އަށިގަނޑު މިޔަރު)، ޓައިގާ ޝާކް (ފެމުނު މިޔަރު ނުވަތަ އަޅިގާ މިޔަރު ނުވަތަ ހަތް ހުރަސް މިޔަރު) އަދި ވޭލް ޝާކް (ފެހުރިހި) ހިމެނެ އެވެ.
މިޔަރުގެ އާއިލާތެރެއިންވެސް ފެހުރިއްސަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެންމެ ގިނައިން އުޅޭ އެއް ބާވަތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެހުރިހި ބަލަން ރާއްޖެއަށް އައުމަކީ އާންމު ކަމެކެވެ. އެމީހުން ރާއްޖެ އައުމުގެ މައިގަނޑު އެންމެ ސަބަބަކަށް ވެފައި އޮންނަނީ ވެސް އެކި ވައްތަރުތަކުގެ މިޔަރު ބަލާން ދިއުމެވެ.
ކަންމިހެން ހުރިނަމަވެސް ރާއްޖެއަށް އަންނަ ބައެއް ފަތުރުވެރިންނަށް މިޔަރުގެ ހަމަލާތައް އަމާޒުވެއެވެ.. މި ކަމުގައި މައިގަނޑު އެއް ސަބަބަކީ، ޑައިވިން އިންސްޓަރަކްޓަރުން ދޭ ގަވައިދުތަކާ އެއްގޮތަށް އެ މީހުންވެސް އަމަލުނުކުރުމެވެ.
ޑައިވް ކުރާއިރު މިޔަރަށް ކާން ދިނުމާއި މިޔަރާ މާބޮޑަށް ގާތްވެ އަތްލުން މަނާ ކުރި ނަމަވެސް ޓުއަރިސްޓުން ރާއްޖެ އައިސް އެ ސޮރުމެންނާ އެކު ފޮޓޯ ނުވަތަ ވީޑިއޯއަށް ނެގުމަކީ މުހިންމު ކަމެއް ކަމަށް ފަތުރުވެރިން ދެކެއެވެ. އެމީހުން މިޔަރުތައް ފެނި އާޝޯހުކަންމަތީ ތިބެ އެސޮރުމެންގެ އަވައިގައި ޖެހި އޮޔާދަނީވެސް މަދުފަހަރަކު ނޫނެވެ.
ނަތީޖާއެއްގެ ގޮތުން ބައެއް ޓުއަރިސްޓުންނަށް މިޔަރު ހަމަލާދެނީއެވެ. ރާއްޖޭގެ މަސްވެރީން ބުނާގޮތުގައިވެސް، ފަހަކަށް އައިސް މިޔަރު ގިނަވެފައި ވަނީ އެ ސޮރުމެންނާއެކު އުޅޭއުޅުމުގައި ހާއްސަ ސަލާމަތާއި ރައްކާތެރިކަން ގެންގުޅެ، ވިސްނުންތެރިވާން ޖެހޭ މިންވަރަށެވެ.
ހާއްސަކޮށް ތިލަ ދިޔައިގައި ފާނަ މަސްވެރިކަން ކުރާ މީހުންނަށް ކޮންމެހެން ޑައިވިން އިންސްޓަކްޓަރެއް ނުވަތަ ބޮޑެތި މަހުގެ ހަމަލާތަކުން ރައްކާތެރިވާނެ ގޮތްތައް އެނގޭ ނުވަތަ އެކަމުގެ ދާއިރާއިން ކިޔަވައިގެން ހުރިމީހަކު މަސްދޯނި ފަހަރުގައި ހުރުން ލާޒިމެއް ވެސް ނޫނެވެ.
" ކުރީޒަމާނުގައި މިޔަރުގެ މަސް ފިހެގެން، ހަނާކޮށްގެން، ދިވެހީން ކައި އުޅުން އެއީ އާންމުކަމެއް. އެކަމަކު އެއީ ހިމާޔަތް ކޮށްފައިވާ އެއްޗަކަށް ވުމުން މިހާރު މޫދަށް އެރުންވެސް ވަނީ ބިރުވެރި ކަމަކަށް ވެފަ. ކަނޑުގައިވެސް މިޔަރު، މޫދުގެ ތިލަފަށަލައިގައިވެސް މިޔަރު. ގޮނޑުދޮށްކައިރީގައިވެސް މިޔަރު. މިކަން ހައްލު ކުރެވޭނީ ސަރުކާރުންވެސް ވަކި މޫސުމެއްގައި ނުވަތަ ކޮންމެ ދެ އަހަރަކުން ވިޔަސް މިޔަރު ވިއްކަން ހުއްދަ ދީގެން،" ހުއިފިލަނޑާގެ މަސްވެރިކަން ކުރާ މުހައްމަދު ގާދިރު "ވަން" އަށް ބުންޏެވެ.
މަސްވެރި ރާއްޖެ (އެފްބީ ޕޭޖް) ހިންގާ، އަބްދުލް ހަލީމް އަބްދުއް ނާސިރު އަކީ، (އޭޓީއާރު 72- ކެޕްޓަން މަންތާއެއާ)ގައި ވަޒީފާ އަދާކުރަމުން މަސްވެރި އުޅަދެއްވެސް އޮޕަރޭޓްކުރާ މީހެކެވެ.
ހަލީމްގެ ހއ. އިހަވަންދޫ މަސްވެރިކަމަށް ދުއްވާ "ނޯއާ" ދޯންޏަކީ 90 ފޫޓް ދިގު 26 ފޫޓް ފުޅާ ފަހުގެ ޓެކްނޮލޮޖީއާއި އެކު ފަޅުވެރީންނަށް ރަނގަޅު ސިއްހަތެއްގައި، އަރާމު މާހައުލެއްގައި މަސްވެރިކަން ކުރެވޭނެ ދޯންޏެއް ކަމަށް ހަލީމް ބުންޏެވެ. އެ ދޯނީގައި މަސްރައްކާކުރުމަށް 14 ވަތްގަނޑާއި އެންދިރުވުމަށް ތިން އެންވަތް އަދި 30 ފީފާގެ ޑީސަލް ރައްކާކުރެވޭނެ ޓޭންކަކާއި 8000 ލިޓަރު ތާޒާ ފެން ޓޭންކެއްވެސް ހުންނަ ކަމަށް ހަލީމް ބުންޏެވެ
ހަލީމްގެ ދިރާސާގެ އަލީގައި މިޔަރުގެ އުނދަގޫތައް އިންސާނުންނަށް ކުޑަވާނެ ގޮތްތަކެއް ހުރި ކަމަށް ފާހަގަ ކުރިއެވެ. އެއީ ވަކި ގާނޫނެއް ހަދައިން ވަކި ގަވައިދުތަކެއްގެ ދަށުން ނަމަވެސް ކުރެވިދާނެ ކަންކަން ކަމަށް އޭނާ ދެކެއެވެ.
އޭގެ ތެރޭގައި ގިނަ މަސްވެރިންވެސް އެއްބަސްވާ ގޮތަށް، ވަކި މޫސުމެއްގައި މިޔަރުގެ ވިޔަފާރި ކުރަން ހުއްދަ ދިނުމާއި މިޔަރުގެ ހަމަލާތަކުން ރައްކާތެރިވާން މިޔަރު މަރަން މަޖުބޫރުވާ ފަދަ ހާލަތެއްގައި މިޔަރު މެރި މީހާ ކުށްވެރި ނުވުމާއި އަދި ދެ އަހަރުން ނުވަތަ ތިން އަހަރުން މިޔަރުގެ މަދުކުރުމުގެ ޕްރޮގްރާތައް ހިންގުން ހިމެނެއެވެ.
"ހަދާ ގަވައިދަކީ (ޕޮލިސީއަކީ) ބަދަލުވެސް ކުރެވޭނެ އެއްޗެއް. ގައިޑްލައިނެއް އަސްލު. ގައިޑަލައިނުން ބޭރުވެސް ވާން ޖެހޭނެ. ބޭރު ނުވާކަމަށް ވަންޏާ މަސްވެރިންގެ ވިސްނުމާއި އެއްޗެހިވެސް ލިމިޓުވާނެ އަސްލު. މިހާރު މަސްވެރިންނާއި ގަވައިދުން (ގައިޑްލައިނުން) ބޭރު ވެވޭނެ މިންވަރެއްވެސް އޮންނަން ވާނެ މިސާލަކަށް މަހަށްދާ މީހުންނަށް މިޔަރެއް ހަމަލަދީގެން މިޔަރު މަރާލާފިއްޔާ، މިޔަރު މެރި މީހާ ބޮޑުއަދަދަކުން ސަރުކާރުން ޖޫރިމަނާކުރޭ،" ކަމަށް ހަލީމް ފާހަގަކުރިއެވެ.
މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު "ވަން އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގައި މިޔަރު އުޅޭ މިންވަރު ބަލާފައި މިޔަރުގެ ހަމަލާތައް ވަރަށް މަދުކަމަށެވެ.
"ވަރަށް ގިނައިން އެ ޝަކުވާ އާދޭ. ހާއްސަކޮށް ފަރުމަސްވެރިކަން ކުރާ މީހުންގެ ފަރާތުން. މިނިސްޓްރީގެ ފަރާތުން ލިބޭ ޝަކުވާތަކާ އެކީގައި އެކަހަލަ ދަތުރުތައް ކުރެވިފަ އެބަހުރި. އެއީ މިޔަރު ގިނަވެގެން ވާ ކަމެއްތޯ، ނަމަވެސް މިނިސްޓްރީން ކުރާ ދަތުރުތަކުގަ އެކަލަ ކަމެއް ނުފެނޭ. އެކަމަކު އެ ނޯންނަނީކީ ނޫން. މިހާރު އާދަޔާ ހިލާފަށް މިޔަރު ގިނައީތޯ. މިއުޅެނީ ކޮންކަހަލަ ކަމެއްތޯ ޖެހޭނީ ދިރާސާއެއް ކުރަން،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޒަމާނާ އެއްގޮތަށް މިހާރު އެންވެރިކަން ކުރަން ބޭނުންކުރަނީ މަތީގައި ނަމަ ޔޫރޯލައިޓް (އެންހިފަން މަސްވެރިން ދޯނީގައި ހަރުކުރާ ބައްތި) އެވެ. އަޑީގައި އަންޑާވޯޓާ ލައިޓް (ކަނޑު އަޑީގައި އެން ހިފަން ބޭނުންކުރާ ބައްތި) އެވެ.
ނަމަވެސް މިޔަރުން ސަލާމަތް ވުމަށް ވަކި ޓެކްނޮލޮޖީއެއް ބޭނުން ކުރިނަމަވެސް އެކަމުން ރައްކާތެރިއެއް ނުވެވެއެވެ. އެހެން ކަމުން އެން ހިފަން މަސްވެރިން ފައިބައި އުޅޭއިރުވެސް މިޔަރުގެ ކުއްލި ހަމަލާތަކުން ސަލާމަތެއް ނުވެވެއެވެ.
"މިޔަރާހުރެ ފަރުމަސްވެރިކަން ކުރެވޭވަރެއް ނޫން. މައްޗަށް ނެގުމުގެ ކުރީން މިޔަރު ކާލަނީ. ތިލަޔެއް ފުނެއް ނެތް. އަޅުގަނޑަށް ފެންނަ ހިޔާލަކީ މިޔަރު މަދުކުރުމުގެ މަޝްރޫއެއް ފެށުން. ވިޔަފާރިއެއްގެ ގޮތުގައި ހުޅުވާލުމަކީ ރަނގަޅު ކަމެއް. މިޔަރު މާގިނައީ. އަހަރުމެންގައިގައި ދަތްވެސް އަޅަނީ،" ހއ. އިހަވަންދޫ، ޅޮސްމާގެ އަހްމަދު މޫސާ، "ވަން" އަށް ބުންޏެވެ.
މިޔަރުގެ ހަމަލާތައް ރިޕޯޓު ކުރާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އެއީ މިޔަރަށް ކާން ދިނުމާއި މަސް ވޭސްޓް ޑަންޕް ކުރެވޭތީ (މަހުން އުކާލެވޭ ބައިތައް ކަނޑަށް އުކާލުމުން) އަންނަ ހަމަލާތަކެއްތޯ ދިރާސާ ކުރުންވެސް މުހިންމު ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"މިޔަރު އުރަހައިގެ ވިޔަފާރިއަކީ ވަރަށް ވަރުގަދަ ވިޔަފާރިއެއް. މިހާރުގެ ގަވައިދު އޮތް ގޮތުންވެސް ގަބޫލުކުރެވޭ ފަދަ އުޒުރެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެއް ކަމަށް ވަންޏާ، ސީދާ އަމިއްލަ ރައްކަލަށް ކުރެވޭ ކަމަކަށް ވަންޏާ އަޅުގަނޑަކަށް ހިޔެއް ނުވޭ އެކަމުގައި ޕެނަލްޓީއެއްގެ ގޮތުގައި އޮތްހެނެއް. މިހާރުވެސް ގަވައިދުގައި އޮތް ގޮތުން. އެހެން ނޫނިއްޔާ ދެން މުޅިންވެސް ފެންނާނީ ސެލްފް ޑިފެންސްގައި (އަމިއްލަ ރައްކަލަށް) މަރުވެފައި އޮންނަ މިޔަރު،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، އެ ކަމުގައި ރަނގަޅު ދިރާސާތަކެއް ކޮށްގެން މެނުވީ ގޮތެއް ނުނިންމޭނެ ކަމަށެވެ. އެހެން ނޫންނަމަ ދެން މުޅިންވެސް ފެންނާނީ ސެލްފް ޑިފެންސްގައި މިޔަރު މަރާފައި ހުންނަތަން ކަމަށާއި މިޔަރުގެ އުރަހައިގެ ބަޒާރަކީ ދުނިޔޭގައިވެސް އަގުބޮޑު ވިޔަފާރިއަކަށް ވުމާއިއެކު ރާއްޖޭގައި ކޮންމެހެން މިޔަރު މަދުކުރުން މުހިންމުތޯ ބެލުމަށްވެސް ދިރާސާތަކެއް ކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރާއްޖެއަށް މިޔަރު ބަލަން އަންނަ ފަރުތުވެރިންގެ ސަބަބުން ޓުއަރިޒަމް އިންޑަސްޓްރީ އިތުރަށް ފުޅާވަމުން އަންނަކަން ޝިޔާމް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގައި މިހާރު މިޔަރުގެ އާބާދީ ގިނަކަމަށް ދެކެވޭ ވާހަތަކުގެ އަލީގައި ވަކި ގޮތެއް ނިންމުމަށްވުރެ ކުރާ ދިރާސާއެއްގެ އަލީގައި ގޮތެއް ނިންމުން މުހިންމު ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ރަށު ކައުންސިލުތަކާއި އެކު ގުޅިވަޑައިގެން ކުރިޔަށް ގެންދިއުމަކީ ފިޝަރީޒް މިނިސްޓްރީގެ ވިސްނުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މަގުބައްތި ތަކުގެ އަލީގެ ވަށައިގެން ނަށާ ޕަރުވާނާ ފަދައިން މިޔަރަކީވެސް އެކި އަލިތަކަކުގެ އަވައިގައި ޖެހޭ އެއްޗެކެވެ. ހާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އެންދަމަން މަސްވެރިން ގެންގުޅޭ ޔޫރޯ ލައިޓަށް ނުވަތަ އަންޑާވޯޓާ ލައިޓް ތަކުގެ އަލި އެސޮރުމެންނަށް ވަރަށް ކަމުދެއެވެ. ޝިކާރަކުރަން ހައިހޫނުކަން ފިލުވަން އައްޔެއްގެ އެހީ މިޔަރުތައްވެސް ބޭނުންވާތީއެވެ.
ބައެއް ހާލަތްތަކުގައި މިޔަރު ވަނީ ކަނޑަށް ވެއްޓޭ މީހުންނަށްވެސް ހަމަލާދިފައެވެ. ހަމަ މިގޮތަށް އެންވެރިކަން ކުރަން ނައިޓް ލައިޓް ބޭނުންކޮށްގެން އެން ހިފަން އުޅޭ މަސްވެރިންނަށްވެސް މިޔަރުގެ ހަމަލާތައް އަމާޒުވަނީ، ކަނޑުގެމަތީ ތިލަ ފަށަލައިންނެވެ. އަނެއްބައި ފަހަރު ކަނޑުގެ އަޑީންނެވެ. ނުވަތަ އެން ދާގަނޑުގެ ތެރޭގައި މަސްވެރިން އުޅޭ އުޅުމުގައި މިޔަރުތަކަށް ހަމަލާދެވެނީއެވެ. މިޔަރުގެ މިޒާޖު ދިރާސާ ކުރަމުން އަންނަ ހަލީމް ބުންޏެވެ.
މިއީ އެސޮރުމެންގެ ފިތުރަތުގައިވެސް ހުންނަކަމަކަށް ވުމުން ކުއްލި ހަމަލާތަކުން ސަލާމަތްވާނެ އިތުރު ގޮތެއް މަސްވެރިންނަށްވެސް ނޯވެއެވެ. ހާއްސަކޮށް އިރުވައި މޫސުމަކީ މިޔަރުގެ އާބާދީ އިތުރުވާ މޫސުމެއް ކަމަށް މަސްވެރީން ބުނެއެވެ. އެން ހިފަން އެންމެ ރަނގަޅު މޫސުމަކީވެސް މިއީ ކަމުގައި މަސްވެރީން ފާހަގަކުރެއެވެ.
“ހާއްސަކޮށް ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިން އާންމުކޮށް އެންވެރިކަން ކުރާނީ ރޭގަނޑު. އެކަމަކު ފާނަ މަސްވެރިން އެންހިފާނީ ދުވާލު. ކޮންމެ މަހެއްވެސް ކަނީ ތަފާތު އެމެއް. މިޔަރު ބޮޑަށް ކާން ބޭނުން ވަނީ ކަންނެލި މަސްވެރިން ބޭނުންކުރާ އެން. އެންމެ ބޮޑަށް މިޔަރު ހަމަލާދީގެން މައުލޫމާތު ލިބިފަވަނީވެސް ކަންނެލި މަސްވެރިންގެ ފަރާތުން" ހަލީމް ބުންޏެވެ.
ދާދިފަހުން، އުމުރުން 30 އަހަރުގެ ފަވާޒް އަބްދުﷲ އަށް މިޔަރެއް ހަމަލާ ދިނީ ފާނަ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ. އޭނާގެ އަތުގެ މަސްގަނޑުން ބޮޑުބައެއް މިޔަރު ކާލާފައި އޮތް މަންޒަރު ފެންނަ ފޮޓޯތައްވެސް ވަނީ ޝޯޝަލް މީޑިއާގައި ދައުރުވެފައެވެ.
ފަވާޒްގެ ބައްފަ އަބްދުﷲ ރަޝީދު "ވަން" އަށް ބުނިގޮތުގައި ފާނަ މަސްވެރިކަން ކުރާއިރު އާއި އެންދަމަން މޫދަށް ފައިބާއިރު މިޔަރުގެ ހަމަލާތަކުން ގިނަ ބަޔަކު ޒަހަމްވަމުންދެއެވެ. ސަރުކާރުގެ ފަރާތުން އޭނާ އެދެނީ މިޔަރު ވިއްކަން ހުއްދަ ދިނުމަށެވެ. މިސާލަކަށް މިޔަރުގެ އުރަހަ ނުވަތަ މިޔަރުމަސް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ވެސް ލިބޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ރާއްޖޭގެ ކަނޑުތަކަކީ މަސްވެރިކަން ކުރަންވިޔަސް އެން ހިފަންވިޔަސް ރައްކާތެރި މާހައުލެއްގެ ގޮތުގައި އޮތުން މުހިންމުކަމަށއ އޭނާ ބުންޏެވެ.
ރަޝީދުގެ ދަރިފުޅުގެ އަތަށް ލިބުނު ޒަހަމްތަކަށް ފަރުވާ ހޯދަމުން އަންނައިރު، ފަތުރުވެރިންގެ މެދުގައި މަގުބޫލު ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު، ފީނަން ދިޔަ ޑައިވިންގް އިންސްޓްރަކްޓަރެއްގެ ގައިގައި މިޔަރެއް ވަނީ ދަތް އަޅާފައެވެ.
މީގެއިތުރުންވެސް ވަލެއްގައި އޮޅިފައި އޮތް މިޔަރެއް ސަލާމަތްކުރަން އުޅުނު ބަޔަކަށް މިޔަރެއް ވެސް ހަމަލާ ދީފައިވެއެވެ. އޭގެ އިތުރުން ނިމިދިޔަ އަހަރުގެ ޖޫން 22 ވަނަ ދުވަހު އެނބޫދޫ ކައިރިއަށް ޑައިވިންއަށް ދިޔަ ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތްއަޅައި ޒަހަމްކޮށްލިއެެވެ. މިދިޔަ އަހަރުގެ މެއި 16 ވަނަ ދުވަހު ގދ. ތިނަދޫ "ކަޅިރަވަ" ދޯނީގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއަކަށްވެސް މިޔަރު ހަމަލާދީފައިވެއެވެ.
މިއީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގާފައި ހުރި މިޔަރުގެ ހަމަލާތަކުގެ ކުޑަ މިންވަރެކެވެ.
މަސްވެރިކަމުގެ އާންމު ގަވާއިދު (ގަވާއިދު ނަންބަރު 2020-75)، 17 ވަނަ މާއްދާގައި ހިމަނާފައިވާ، ހިފުމާއި، ބޭނުމާއި، ނެގުމާއި، މެރުން މަނާ ބާވަތްތަކާއި، އެކްސްޕޯޓު އިމްޕޯޓުކުރުން މަނާ ބާވަތްތަކުގެ ތެރޭގައި މިޔަރު ހިމެނެއެވެ.
19 ވަނަ މާއްދާގައި ބުނާ ގޮތުގައި، ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުން މަނާ ބާވަތްތައް، (ހ) މި ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއް ނުވަތަ އެ ބާވަތެއް ބޭނުންކޮށްގެން އުފައްދައިފައިވާ އުފެއްދުމެއް ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރުމަކީ ނުވަތަ އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރުމަކީ މަނާކަމެކެވެ. ނަމަވެސް އެ މާއްދާގެ (ށ) މި މާއްދާގެ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުން، މި ގަވާއިދުގެ ޖަދުވަލު 2 އާއި ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ބާވަތްތައް އެކުއާކަލްޗާ ކޮށްގެން އެކްސްޕޯޓް ކުރެވިދާނެއެވެ.
34 ވަނަ މާއްދާ ގައި ބުނަނީ، ގަވާއިދާ ހިލާފުވުން، (ހ) މި ގަވާއިދުގައި މަނާ ކަމެއް ކަމަށް ކަނޑައަޅައިފައިވާ ކަމެއް ކުރުމަކީ ނުވަތަ ކަމެއް ވަކި ގޮތަކަށް ކުރުމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކޮށްފިނަމަ، އެ ކަމެއް ބެލެވޭނީ ކުށެއް ކަމަށެވެ.
ޖަދުވަލު 4-ގެ 7 ގައި،، ޖޫރިމަނާ ކަނޑައެޅިފައިވާ ގަވާއިދާ ހިލާފު ހަރަކާތްތަކާއި ފިޔަވަޅުތަކުގެ ތެރޭގައި، ހިމަނާފައިވާ މަސް ހިފުމަށް ނުވަތަ މަސް މެރުމަށް މަސް މަރާ ބަޑި ބޭނުންކުރުމުން ފުރަތަމަ ފަހަރަށް 3،00 ރުފިޔާއިން އަދި އެކަން ތަކުރާރުވާ ކޮންމެ ފަހަރަކު އޭގެ ކުރިން ކޮށްފައިވާ ޖޫރިމަނާގެ އަދަދަށް 1,000 ރުފިޔާ އިތުރުވާނެ އެވެ. އެ ގޮތުން (5,000 ރުފިޔާއާ ހަމަޔަށް) ޖޫރިމަނާކުރެވޭނެ އެވެ.
ކޮންމެއަކަސް، މިޔަރު ގިނަވެ، އެ ސޮރުމެންގެ ސަބަބުން މީހުނަށް އަނިޔާތައް ކުރިމަތިވުން އާންމުވެފައިވާ އިރު، މި ކަމަށް އެދެވޭ ހައްލެއް ލިބޭން ޖެހޭ ކަމަށް މަސްވެރީން ދެކެއެވެ. އެ ހައްލަކީ ހޭލުންތެރިކަމުގެ ތެރެއިން ކުރެވޭނެ ކަމެއްތޯ، ވަކި މޫސުމެއްގައި މިޔަރުގެ ވިޔަފާރި ހުޅުވާލައިގެން ކުރެވޭނެ ކަމެއްތޯ ޔަގީން ކުރުމަކީ ވެސް ކުރާން ޖެހިއްޖެ ކަމެއްކަމަށް މަސްވެރީން އެ އަންނަނީ ބުނަމުންނެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް