ތ. އޮމަދޫން (ޢަލީ ޔާމީން، ވަން އޮންލައިން)

މި ރަށުގެ އިގްތިސޯސްގެ ތެރޭގައި އޮތް ގާތުރެހާ އާއި ކުރެދިފުށީގެ ތަރައްގީއަށް ދޭން ޖެހޭ އެއްބާރުލުން ސަރުކާރުގެ ތެރެއިން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ރަށުގެ ކައުންސިލުން ބޭނުން ވަނީ ގާތުރެހާއާއާ މި ރަށް ގުޅާލައި ލޯކަލް ޓޫރިޒަމް އެ ރަށުގައި ފުޅާކުރުމަށެވެ. އަދި ކުރެދިފުށީގައި ސިޓީ ހޮޓަލެއް ހެދުމަކީ ކައުންސިލްގެ އުންމީދެކެވެ.

ރައީސް މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަަމުންގެންދަވާ ދަތުރުފުޅުގެ ހަތް ވަނަ މަންޒިލެއްގެ ގޮތުން މިއަދު ހެނދުނު މި ރަށަށް ވަޑައިގެން، މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، މި ރަށު ސްކޫލުގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، މި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށާއި ވަކި ތަރުތީބަކުން ކަންކަން ކޮށްދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ބައެއް ކަންކަން އިސްފަސްކުރަން ޖެހެނީ ރާއްޖޭގެ އިގްތިސޯދު އޮތް ހާލަތުގެ ސަބަބުން ކަމަށެވެ.

މި ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ މި ރަށު ސްކޫލަށް ދިމާވެފައިވާ މައްސަލަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސްކޫލުގެ ޖާގައިގެ މައްސަލައާއި ޓީޗަރުންގެ މައްސަލައާއި ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތަށް އިސްކަން ދެއްވާނެ ކަމަށެވެ.

"ދެވަނަ ކަމަކަށް ފެނާއި ނަރުދަމާ އެބަ އޮތް. އެކަމަށް ސަމާލުކަން ދެމުން އާމްދަނީ ހޯދޭނެ ގޮތެއް ބަލަމުން މިދަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގާތުރެހާއާއި މިރަށް ގުޅާލުމަކީ މި ވަގުތަށް ކުރެވޭނެވަރު ކަމަކަށް ނުވިނަމަވެސް އިގްތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަ ވަރަކަށް އެކަންކަމަށް ފުރުސަތު ފަހިވާނެ ކަމަށެވެ.

"ދެ ފަޅުރަށް އެބައޮތް. އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އެ ދެ ފަޅުރަށުގެ ބޭނުން ކައުންސިލުން ކުރުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އޮންނަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުކޮށައިދީ، އެހީތެރިކަން ފޯރުކޮށްދޭން ކަމަށެވެ. އަދި އައިއެމްއެފުން ރާއްޖޭގެ އިގްތިސޯދު ކުރިއަރުވަން މި ސަރުކާރުގެ ޕްލޭންތައް ބަލައިގެންފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިންވެސްޓަރުންގެ ކޮންފިޑެންސް ލިބިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އާބާދީ ކުޑަވިޔަސް ބޮޑުވިޔަސް އެއްވެސް ރަށެއް ތަފާތެއް ނުކުރާނެ ކަމަށެވެ.