ރާއްޖެއިން ދާ ހާޖީންނަށް ސައުދީ އަރަބިއާގައި ކިޔަވާ ދިވެހި ދަރިވަރުން އެހީވުމުގެ ފުރުސަތު ދީފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ހިއްސާކުރެއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ސައުދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ހައްޖު މޫސުމުގައި ރާއްޖޭގެ ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުސަތުދިނުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީގެ ހައްޖު ވުޒާރާއިން އެއްބަސްވެ، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިއަދު އަންގާފައިވާ ކަމަށެވެ.
ކުރިން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ސައުދީއަށް ރާއްޖެއިން ދާ ހާޖީންނަށް އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވެނީ ފަސް އަހަރުން އެއް އަހަރު ކަމަށާއި ނަމަވެސް ސައުދީގެ ހައްޖު މިނިސްޓްރީން މިއަދު ލިބުން ހުއްދައިގެ ދަށުން، ކޮންމެ އަހަރަކުވެސް ރާއްޖެއިން ހައްޖުވުމަށް ދާ ހާޖީންނަށް، އެ ގައުމުގައި ކިޔަވަން ތިބޭ ދަރިވަރުންގެ ފަރާތުން އެހީތެރިކަން ލިބެނޭ ނިޒާމެއް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ އަރަބި ބަސް ދަންނަ މީހުން މަދުވުމުން ހާޖީންނަށް އެކިކަހަލަ ދަތިތައް ދިމާވާ ކަމަށާއި އެހެންކަމުން ދިވެހި ހައްޖާޖީން ދަތުރުކުރާ ބަސްދަތުރުތަކުގައި އަރަބި ބަސް ދަންނަ މީހުން ތިބުން މުހިންމު ކަމަށެވެ. އަދި މިއަދު ލިބުނު ހުއްދައާއެކު އެކަމަށް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ސައުދީ އަރަބިއާގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންނަށް ހައްޖުގައި ބައިވެރިވެވޭގޮތަށް ރަސްމީކޮށް މިވަނީ އެކަމަށް އެޕްރޫވަލްދެެއްވާފަ. މިނިސްޓަރުގެ ސިޓީއެއް ވަނީ ލިބިފަ. އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުށަހެޅުއްވި ހުށަހެޅުން ގަބޫލުކުރައްވާފަ،" އެ ފުރުސަތަކީ މަދު ގައުމުތަކަކަށް ދޭ ފުރުސަތެއްކަން ފާހަގަކުރައްވަމުން ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަން ވަކި ތަރުތީބަކުން ކުރިއަށްގެންދަން މިނިސްޓްރީގެ ފަރާތުން ސައުދީގައި ތިބޭ ދިވެހި ދަރިވަރުންނާއި އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށާއި ކުރިއަށް އޮތް ކޮންމެ އަހަރެއްގައިވެސް އެކަމުގައި ސައުދީގައި ތިބޭ ދިވެހި ދަރިވަރުން ހާޖީންނަށް އެހީތެތިވާން ބައިވެރިވެވޭނެ ކަމަށެވެ. އަދި ކޮންމެ އަހަރެއްގައިވެސް ވަކި އަދަދަކަށް ދަރިވަރުން އިހުތިޔާރުކުރާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
އެކަންކަން ކުރިއަށްގެންދާނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އެ މިނިސްޓްރީއާ ގުޅިގެން ކަމަށާއި ސައުދީގައި ތިބޭ ދިވެހި ދަރިވަރުންނަށް ދީނީގޮތުންނާއި އަދި ގައިޑުންގެ ގޮތުގައި ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު