މިނިވަންކަމުގެ ދެކޮޅަށް ވާހަކަދެއްކުމަކީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ، އިދިކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިއިން ޒަމާނަކު ބެލެހެއްޓިފައި ނެތް ކަމަށާއި އެ ސަރަހައްދު ބަލަހައްޓަން ޖެހޭނީ އަމިއްލައަށް ކަމަށެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައި ހުރި މަސައްކަތަކީ އެއްގޮތަކަށް ވެސް އާދައިގެ ކަންކަމެއް ނޫން. އެކަން ކުރަން އަޅުގަނޑުމެން ފެށީމާ އެކަމާ ދެކޮޅަށް ދިވެހިން ތެދުވެ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް. އަޅުގަނޑު އިއްޔެ މަޖިލީހުގައި ވާހަކަދައްކަމުން އަޅުގަނޑުމެންގެ މި ރާއްޖޭގެ ސަރަހައްދު އެއީ ވަރަށް ބޮޑު ސަރަހައްދެއް، ރަށްތައް ކުދިވިޔަސް ކަނޑުގެ ސަރަހައްދު ވަރަށް ބޮޑު، 974،000 އަކަކިލޯމީޓަރު ހުރޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ސަރަހައްދަކީ އިގުތިސާދީ ފައިދާ ހޯދަން އޮތް ކަނޑުގެ ސަރަހައްދު ކަމަށާއި އެތަނުން އެކަށީގެންވާ ގޮތެއްގައި އަދި މަސްވެރިކަމެއް ނުކުރެވޭ ކަމަށެވެ. ޓޫރިޒަމް އިންޑަސްޓްރީއަކީ މިވަގުތު އެންމެ މުހިންމު އިންޑަސްޓްރީއަށް ކަމަށްވިޔަސް މަސްވެރިކަން ފުޅާކުރެވިއްޖެއްޔާ، އެތައް ގުނައެއް ޓޫރިޒަމް އިންޑަސްޓްރީއަށްވުރެ ބޮޑަށް މަސްވެރިކަމުން ފައިދާ ހޯދޭނެ ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އެ އިގުތިސާދީ ސަރަހައްދު ފިޝަރީޒް އިންޑަސްޓްރީއަށް ބަަލައިގެން ކަންކަން ކުރަން ވިޔަސް، އެއީ ހިމާޔަތްކުރަން ޖެހޭ ސަރަހައްދެއް. އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އިސްތިގުލާލު ސަލާމާތްކުރުމަށްޓަކައި ވެސް، ސިޔާދަތީ ބާރުގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ވެސް އެބަޖެހޭ އެ ސަރަހައްދު ބަލަހައްޓަން. އެކަމެއް އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އައި އިރު ނުވޭ. އެކަން ކުރުމަށް އަޅުގަނޑުމެން ކުރަންވީ ކަމަކީ އެހެން ބައެއްގެ ކިބައިން އެހީތެރިކަމަށް އެދިގެން އެހެން ބަޔަކު ލައްވައި އެ ސަރަހައްދު ބެލެހެއްޓުންތޯ ރައްޔިތުން އެދޭނެ ގޮތަކީ، ޔަގީން އެހެނެއް ނޫން ބޭނުންވާނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމިއްލަ ގޯތީގެ ވަށާފާރުގެ، އިންފާރުގެ އެތެރެ ބަލަހައްޓަން ޖެހޭނީ އެހެން ބަޔަކާ ހަވާލުކޮށްގެން ނޫން ކަމަށާއި ދާދި އަވަހަށް އަމިއްލަ ކެޕޭސިޓީގައި އެ ސަރަހައްދު ބެލެހެއްޓޭނެ ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކެވީމާ އެކަމަށް ބަޔަކު ޖޯކު ޖެހިކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މި ވާހަކަ އަޅުގަނޑު އިއްޔެ ދެއްކީމާ އެކަމަށް ޖޯކު ޖަހައި، ނޫނީ އެކަމާ ދެކޮޅަށް ވާހަކަދެއްކީ އަޅުގަނޑު ހިތުން އެއީ ދިވެހިވަންތަ ބައެއްތޯ. ދިވެހި ގައުމު ދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަ ދައްކައިގެން ނުވާނެ. އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތްކުރީމާ، ކުރަން އުޅޭކަން އަޅުގަނޑު ބަޔާންކުރީމާ އެއަށް ހިތްވަރު ދެއްވަން ޖެހޭނީ. އެއަށް ސަޕޯޓުދީ، އެކަން ވާނެގޮތް ހޯދައިދޭން ދިވެއްސަކު ވެއްޖެއްޔާ އުޅެން ޖެހޭނީ،" އެމަނިކުފާނު ވިދާޅުވިއެވެ.