މިހާރު ހިނގަމުންދާ ކަންކަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރަމުންދާތީ އެކަމުގެ ސަބަބުން ހިނގާ ކަންތައްތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު، ތ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިގުތިސޯދީ ގޮތުން ކުރިއެރުވުމަށް ރާވާފައިވާ ކަންކަން ފުރިހަމަ ވެގެންދާނީ، ރާއްޖޭގެ މިނިވަންކަން އަމިއްލަ ބާރުގައި ބެލެހެއްޓޭނެކަން ކަށަވަރުވެގެން ކަމަށެވެ. ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ރައްޔިތުން ބޭނުނުންވާކަން އެ ރައްޔިތުން ވަނީ އެ މަނިކުފާނާ ހިއްސާ ކުރައްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފަށައިފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު އެކަމާ ނޫޅުނުނަމަ މިހާރު މި ދިމާވާ އެއްވެސް ކަމެއް ނާންނާނެ ނުންތޯ. ވިސްނެވީމަ އެނގިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް މިކުރަނީ އެ މަސައްކަތް ކުރަން އޮންނަ ޑިޕްލޮމެސީގެ ތެރެއިން ރީތި ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތަކީ އިންޑިއާ ސިފައިން ބޭލުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ޑިޕްލޮމެސީގެ ރިވެތި އުސޫލުގެ ތެރެއިން، ހިމޭން މާތް އަހުލާގީ ގޮތުން ކަންކަން ކުރަން އޮންނަ ބީދައިން ކަންކަން ކުރީމައެއް ކަންކަން ވާނީ. އިރާދަކުރެއްވިޔާ އެގޮތުގެ މަސައްކަތް މި ހިންގަނީ. އަޅުގަނޑުމެންގެ ގައުމުގެ ކަންކަން ބައްޓަން ކުރުމުގެ މިނޫން ގޮތެއް ހިޔާރު ކޮށްގެން ވާނެ މޮޅެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއް ކާމިޔާބީ ލިބެމުންދާތީ އެކަން އޮޅުވާލުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން އެއް ޓީމު އަންނަ މަހުގެ 10 ވަނަ ދުވަހު ރާއްޖެއިން އަނބުރާ ދާނެ ކަމަށާއި އެފަހުން ދެމަސް ދުވަސް ހަމަވުމުގެ ތެރެއިން ދެންތިބި އިންޑިއާ ސިފައިން ވެސް ރާއްޖެއިން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރަމުންދަނީ ރީތިކޮށް ކިޔައިދީގެން ޑިމޮކްރަޓިކް އުސޫލުތަކެއްގެ ތެރެއިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިންނަކީ ސުލްހަ ލޯބިކުރާ ބައެއް ކަމަށާއި ދިވެހިން ބޭނުންވަނީ ރާއްޖެއަކީ އަމިއްލަވަންތަ ގައުމެއްގެ އޮތުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.