ވެވަޑައިގެންނެވި ވައުދުތައް އަކުރުން އަކުރަށް ފުއްދަވާނެ ކަމަށާއި އެކަމާ ރައްޔިތުން ޝައްކު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން މިރޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ހުރިހާ ރަށްތަކަކަށް ވަޑައިގެން ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައިވާނެ ކަމަށާއި އެ ވައުދުތައް ވެވަޑައިގެންނެވީ އެ ވައުދުތައް ފުއްދެވުމުގެ ނިޔަތުގައި ކަމަށެވެ.

"ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުން ވިދާޅުވީމާ، އަޅުގަނޑާ ތިބޭފުޅުން އެ ވައުދުތައް ފުއްދުމަށް ފުރުސަތު ދެއްވައިފިއްޔާ، ޒިންމާ ހަވާލުކުރައްވައިފިއްޔާ އެކަންކަން އިހުލާސްތެރިކަމާއެކީގައި ޒިންމާދާރުކަމާއި ތެދުވެރިކަމާއެކީގައި ކޮށްދިނުމުގެ ނިޔަތުގައި ވައުދުވީ. އެގޮތުން ވީ ހުރިހާ ވައުދެއް އަކުރުން އަކުރަށް، ފުރިހަމަކަމާއެކީގައި އަދާކޮށްދިނުމަކީ އަޅުގަނޑު ޔަގީނުން ވެސް އިރާދަކުރެއްވިއްޔާ ކުރާނެ ކަމެއް. އެއީ ރައްޔިތުން ޝައްކުކުރަންވީ ކަމެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ކުރުމުގައި ކޮށަން ޖެހޭ މަގުތަކެއް އަދި ހާސިލުކުރަން ޖެހޭ ލަނޑުދަނޑިތަކެއް ހުންނަ ކަމަށާއި މިދިޔަ ދެ މަހާއި ބައިގެ މުއްދަތުގެ ތެރޭގައި ކުރެއްވީ އެ މަސައްކަތްޕުޅު ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި ވެސް އެކަހަލަ ސްޓްރެޓެޖިކް ބައެއް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ބޭރުގެ ގައުމުތަކަށް އަޅުގަނޑު މިކުރާ ދަތުރުތައް ކުރަނީ އެ ވިސްނުމުގައި، ރައްޔިތުންނަށް އެންމެ ފައިދާ ހުރީ މިވަގުތު ކޮންކަމެއް ކޮންދިމާލަކުން މަސައްކަތްކޮށްގެން ކަމަށް ވިސްނައި މަޝްވަރާކުރެވިގެން ކުރިއަށް މިގެންދެވެނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ތުރުކީއަށް އަދި ޗައިނާއަށް ކުރެއްވި ދުތުރުފުޅަކީ ރައްޔިތުންނަށް މިވަގުތު ބޭނުން ޖެހިފައިވާ އެންމެ މުހިންމު ކަންކަމުގައި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނައުމަށް ބިންގާ އެޅި، މަގު ކޮށިގެންދިޔަ ދެ ދަތުރު ކަމަށާއި އޭގެ ނަތީޖާތައް ފެންނަމުންދާނެ ކަމަށެވެ.