ތ. ވޭމަންޑޫން (ޢަލީ ޔާމީން، ވަން އޮންލައިން)

ރާއްޖޭގައި ދުބާއީގެ ސިފަ ޖެހޭނެ ދުވަސް އޮތީ ކައިރީގައި ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ މި ރަށުގައި ބޭއްވި ޖަލްސާގައި އާދަމް ޝަރީފް ވިދާޅުވީ، ދިވެހިން ދެކެން ބޭނުންވާ ތަރައްގީގެ ހަރުދަނާ ތަސައްވަރެއް ފެންނަން ފެށީ އަދި ކިރިޔާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު އެކި ބައްދަލުވުންތަކުން ލިބޭ މައުލޫމާތަށް ބަލާއިރު އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުތަކުންނާއި ރާއްޖޭގެ ތަފާތު ކަންކޮޅުތަކުން އުމްރާނީ ގޮތުން ކުރިއަށްދާ މަންޒަރު ފެނިގެންދާއިރު އަޅުގަނޑު ދަންނަވާނީ ރާއްޖެ ދުބާއީގެ ސިފައިގައި ފެންނަން ފަށާނެ ދުވަސް އިރާދަކުރެއްވިއްޔާ އޮތީ ވަރަށް ކައިރީގައޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރަސްމާލެއާއި މާލެއާ ދެމެދު އަންޑަވޯޓާ ޓަނަލް އެޅުމުގެ ވާހަކަ ރައީސް ވިދާޅުވުމުން އެކަން ކުރެވިދާނެކަމާ މެދު ބައެއް މީހުން ސުވާލު އުފެއްދި ކަމަށާއި ނަމަވެސް ރައީސް އެފަދަ ވާހަކަފުޅެއް ވިދާޅުވީ، އެކަން ކުރުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރެއްވުމަށް ފަހުގައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް މިއަދު ހުރީ ރާއްޖޭގެ ތަރައްގީއަށް ހުރަސް އެޅޭ ގޮތަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްގީއަށް ރައީސް މުއިއްޒު ހިމެނުއްވި ބޮޑެތި މަޝްރޫއުތައް ބަޖެޓުން އުނިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެންނަން ބޭނުންނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސަށް އޮތް ގޮންޖެހުންތައް ނައްތާލައި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސަށް މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ދޭން ޖެހޭ ކަމަށެވެ.