ތ. ވޭމަންޑޫން (ޢަލީ ޔާމީން، ވަން އޮންލައިން)

އަމިއްލަފުޅު ސިޔާސީ މުސްތަގުބަލު ބިނާކުރެއްވުމަށް މަސައްކަތްކުރެއްވުމަކީ ގައުމަށް ހެޔޮ އެދުން ނޫން ކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް، ޕީޕީއެމުން ވަކިވެވަޑައިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފައެވެ. ޕީޕީއެމް ދޫކުރެއްވި ސަބަބެއްކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޕީޕީއެމްގެ ލީޑަޝިޕްގައި އެމަނިކުފާނުގެ ބަސް ނުވިކުމާއި ވައުދުތަކާ ހިލާފުވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސްގެ ސްޕެޝަލް އެޑްވައިޒަރުކަންވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ ލާބައާއި ކުރިމަގަށް ހުރަސް އެޅުމަކީ ގައުމު ދެކެ ލޯބިވާ ބަޔަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެންމެ ފުރަތަމަ ގައުމޭ ވިދާޅުވެ، ގައުމާ ރައްޔިތުންނަށް ލިބެން އޮންނަ ކުރިއެރުމަށް ގައުމާ ރައްޔިތުންނަށް ލިބެން އޮންނަ ލާބައާ މަންފާއަށް ހުރަސް އެޅޭ ނަމަ އެއީ އެންމެ ފުރަތަމަ ގައުމުގެ ޝިއާރު ގެންގުޅުއްވަން އެންމެ ރަނގަޅު ބޭފުޅުންނެއް ނޫން،" ރައީސް ޔާމީނާއި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ނިސްބަތްކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، "އެންމެ ފުރަތަމަ ގައުމު"ގެ ޝިއާރު ބޭނުންކުރާނަމަ، ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިނަމަވެސް ގައުމުގެ ލާބައަށް މަސައްކަތް ކުރާނަމަ އެކަމަށް ތަރުހީބު ދެއްވަން ޖެހޭނެ ކަމަށާއި އެއްބާރުލެއްވުން ދެއްވަން ޖެހޭނެ ކަމަށެވެ.

"ތިމާގެ އަމިއްލަ މަސްލަހަތަށް، ތިމާގެ އަމިއްލަ ކުރިއެރުމަށް، ތިމާގެ އަމިއްލަ ސިޔާސީ މުސްތަގުބަލު ބިނާކުރުމަށް ވިސްނައިގެން މަސައްކަތް ކުރުމަކީ އެއީކީ ގައުމަކަށް ހެޔޮ އެދިގެން މަސައްކަތްކުރަނީކީއެއް ނޫން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ދިވެހީންގެ ރާއްޖެެއެއްގެ ފޮނިމީރުކަން ހާސިލުކުރަން ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެން-ޕީއެންސީއަށް ދޭން ޖެހޭ ކަމަށެވެ.