ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދިވެހި މަސްދޯނި ފަހަރަށް ހަތިޔާރާއެކު އިންޑިއާ ސިފައިން އަރައި ބިރު ދައްކަމުން އަންނަ މައްސަލައިގައި އަވަހަށް ފިޔަވަޅު އަޅަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ، އުނގޫފާރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވަހީދު ވިދާޅުވީ، ދިވެހި ކަނޑުގެ ސަރަހައްދުގެ ތެރެއިން މަސްއޮޑިތަކަކަށް ބޭރުގެ ސިފައިން ހަތިޔާރާއެކު އެރި ވާހާކަތަކާއި ފޮޓޯތަކާއި ވީޑިއޯތަކާއި ހަބަރުތައް ކެނޑިނޭޅި ދައުރުވަމުންދާއިރު، ޖާސޫސީ މައުލޫމާތު އެއްކުރާ ބާވަތުގެ އެހެން އުޅަނދު ފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިމުގެ ކައިރީގައި ސުވާލު އުފެދޭ ގޮތް ގޮތަށް އުޅެމުންދާ ހަބަރުތައް ދައުރުވަމުންދާ ކަމަށެވެ.
ނަމަވެސް ދިވެހި ދައުލަތުގެ ސަރަހައްދާއި ދިވެހި ރައްޔިތުންގެ ސަލާމަތާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަަރުކުރުމުގެ ގާނޫނީ ޒިންމާ އުފުލަން އޮތް ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުން އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނާ ހިއްސާނުކުރުމުގެ ސަބަބުން އާއްމުންގެ ތެރޭގައި ވަރަށް ބޮޑު ނުތަނަވަސްކަމާއި ބިރުވެރިކަން ފެތުރެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންތިހާއަށް ކަންބޮޑުވުން އޮތް މިފަދަ ހުތޫރަތްތެރި މައްސަލައެއްގައި މިއަދުގެ ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދީ އަޅާނުލައި ހިމޭނުން ތިބުމަކީ ހަވާލުވެފައިވާ ގާނޫނީ ބޮޑު ޒިންމާއިން ރެކުން ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.
އެހެންކަމުން ވަހީދު ވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމުގެ މަސްލަހަތާގުޅޭ އެ ހައްސާސް މައްސަލައިގައި ސަރުކާރުންވީ އެންމެ އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ޖަލްސާގައި ތިއްބެވި 55 މެންބަރުންގެ ތެރެއިން 54 ވޯޓު ދެއްވައިގެން އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރަން ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު