ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް އެ ބޭފުޅުންނަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް މީޑީއާ ޑައިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަސްލަމް އަދި ނައިބު ރައީސް ސަލީމްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު އެ ދެ ބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި، އެ މައްސަލައިގެ ނޯޓިސް މަޖިލީހުގެ އަމީން އާއްމު، މަޖިލީހުގެ ރައީސާއި މެމްބަރުންނަށް ފޮނުވަން ޖެހެއެވެ.

މަޖިލިސް ގަވާއިދުގައިވާ ގޮތުގައި ނޯޓިސްގެ 14 ދުވަހުގެ މުއްދަތު ހަމަވުމުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ މަޖިލިސް ޖަލްސާއަށް އެ ގަރާރު ހުށަހަޅަން ޖެހެއެވެ.

އޭގެ ކުރިން، މަޖިލީހުގެ އާންމު ކޮމިޓީން އެ ގަރާރުގެ ބަހުސްގެ ވަގުތާއި އެ މައްސަލައިގައި މެންބަރުންނަށް ވާހަކަ ދައްކަން ދޭނެ ވަގުތާއި ޖަވާބުދާރީވާން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސަށް ދޭނެ ވަގުތު ކަނޑައަޅަން ޖެހޭނެއެވެ.

ވެރިކަން ކުރާ ޕީޕީއެމް-ޕީއެންސީގެ ޕީޖީ ގްރޫޕުން މަޖިލިސް ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު މަޖިލީހަށް ހުށަހަޅާފައި ވަނީ 23 މެންބަރެއްގެ ސޮޔާއެކުއެވެ.

އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދިނުމަށް ކަމަށް ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބާރު ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

މެމްބަރުން މަސައްކަތް ކުރަންވާނީ އިންތިހާބުވި ދާއިރާތައް ތަމްސީލު ކުރުމަށާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކަމަށްވެސް ބުނެފައިވެއެވެ. މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މަސައްކަތްކުރައްވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއަރުވަން ކަމަށް ސަރުކާރު ކޯލިޝަނުން ތުހުމަތު ކުރެވެއެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކަށް ހިލާފުވާ ގޮތަށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ވެސް ގަރާރުގައި ބުންޏެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު ކަނޑައެޅި ބަޔާންކޮށްފައިވާ އިރު، ހިތަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މައްސަލައިގައި ރިޔާސަތުގައި އިންނަވައި، އަމަލުކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ބ)، (ޅ)، (އ)އާ ހިލާފަށް،" ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕުގެ ގަރާރުގައި ބުންޏެވެ.

އަދި ބުނީ މަޖިލީހުގެ ރައީސް ގަވާއިދާހިލާފަށް އަމަލުކުރެއްވި އިރު، މަޖިލީހުގެ ނައިބު ރައީސް ސަލީމް އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށެވެ. މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލިސް ހިނގަމުންދާކަން ކަށަވަރުކުރަން ވެސް ސަލީމް އެއްވެސް މަސައްކަތެއް ކުރައްވާފައިނުވާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

"ހޯރަފުށި ދާއިރާގެ އިއްޒަތެރި މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން އަމަލުކުރައްވާފައިވަނީ، ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ގާނޫނު އަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވާގޮތަށް، މަޖިލީހުގެ ދުސްތޫރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާވެސް ހިލާފަށް،" ޕީޕީއެމް/ޕީއެންސީން ބުންޏެވެ.

މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ ނައިބު ރައީސްގެ އެ އަމަލުތަކަކީ މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީގެ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އެހެންވެ މަޖިލީހުގެ ރައީސް އަސްލަމް އެ މަގާމުގައި ދެމިހުރުމަށް ޕީޕީއެމް/ޕީއެންސީގެ ޕީޖީ މެމްބަރުންގެ އިތުބާރު ގެއްލިފައިވާތީ، އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ހުށަހަޅާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފައިވެއެވެ.