ކުރީ ސަރުކާރުން މާލީ ޑިސިޕްލިން ގެންގުޅުނު ގޮތުން، ރާއްޖޭންނާއި ރާއްޖޭން ބޭރުންވެސް ލޯނު ހޯދަން ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ދިނުމާ ގުޅޭ ގޮތުން ޝިޔާމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރާ ހަވާލުވެލެއްވި އިރު، މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ ހުރި ކަމަށެވެ. އަދި މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ދުވަސްވަރަކީ މަސަވެރިކަން اللهގެ ރަހުމަތުން ރަނގަޅު ދުވަސްކޮޅަކަށްވެފައި ކޮންމެ ދުވަހެއްގެވެސް އިތުރުވާ އަދަދާއެކު މަސްވެރިންނަށް ނުދެވި މި ވަގުތަށް 190 މިލިއަނެއްހާ ރުފިޔާ ހުރިކަން ހިސާބުތައް އެބަ ބުނޭ," ޝިޔާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ސޮވެރިން ގެރެންޓީ ދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި ނަމަވެސް ކުރީ ސަރުކާރުން ފައިސާ ޗާޕުކުރުމާއި މަލީ ޑިސިޕްލިން ގެންގުޅުނު ގޮތުން ރާއްޖޭންނާއި ރާއްޖޭން ބޭރުންވެސް ފެސިލިޓީއެއް ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެއާއެކުވެސް މިހާރު ހުރި ބެކްލޮގު އެއްކޮށް ފިލުވާލައި ގަވާއިދުން މަސްވެރިންނަށް ފައިސާ ދެވިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ލޯނު ހޯދަން ދަތިތަކެއް ހުރި ކަމަށް ޝިޔާމު ވިދާޅުވި އިރު، ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.