އެލައިޑް އިންޝުއަރެންސްގެ ޕޮލިސީ އޮންލައިންކޮށް ގަންނަ ކޮންމެ މީހަކަށް ހަދިޔާއެއް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

އެލައިޑަށް 39 އަހަރު ފުރުމުގެ މުނާސަބަތުގައި އެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެލައިޑުގެ މާކެޓިން މެނޭޖަރު އައިޝަތު ޝުދާ ވިދާޅުވީ، އޮންލައިންކޮށް ޕޮލިސީ ގަންނަތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުގެ ކަސްޓަމާ ފްރަންޓް އޮފީހަށް ދިއުމުން ހަދިޔާއެއް ލިބޭނެ ކަމަށެވެ.

"އޮންލައިންކޮށް ޕާޗޭސް ކުރުމުން ކޮންމެ ބޭފުޅެއްވެސް ފޯނަށް ރިފަރަލް ކޯޑެއްދާނެ. ޓެކްސް މެސެޖެއްގެ ޒަރިއްޔާއިން އެ ކޯޑު ދާނީ. ކޯޑު ފްރަންޓް އޮފީހަށް ދައްކާލީމަ ގުޑީ ލިބޭނެ،" ޝުދާ ވިދާޅުވިއެވެ.

އެލައިޑުން ދޭ ހަދިޔާތަކުގެ ތެރޭގައި ފެން އަޅާ ފްލާސްކް، ވިއްސާރަ ކޯޓު، ކުޑަ، ނޯޓު ފޮތް ފަދަ ތަފާތު ހަދިޔާ ހިމެނެއެވެ.

ޝުދާ ވިދާޅުވީ ކުންފުންޏަށް 39 އަހަރު ފުރުމުގެ އުފަލުގައި، ފްރަންޓް އޮފީހުން ޕޮލިސީ ގަންނަ ފުރަތަމަ 39 ކަސްޓަމަރުންނަށްވެސް ހާއްސަ ސަޕްރައިޒް ހަދިޔާއެއް ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގެ ކަސްޓަމާ ފްރަންޓް އޮފީސް ކުރިމަތީގައި މިއަދު ކަޕްކޭކް ބެހުމުގެ ހަރަކާތެއްވެސް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ޕްރޮގްރާމް، ޕްރިމިއަމް ފޯ ގުޑްގެ ދަށުން ފުލުހުންނާ ގުޅިގެން "ރައްކާ 2024" ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މިއީ މެދުކެނޑުމެއް ނެތި އެލައިޑުން ފުލުހުންނާ ގުޅުގެން އެ ޕްރޮގްރާމް ހިންގާ 10 ވަނަ އަހަރެވެ.

އަދި ދިވެހި ރެޑް ކްރެސެންޓުގެ 'ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޝިވް'ގައި އެލައިޑުން ބައިވެރިވެ، ރަސްމިއްޔާތުގެ ތެރެއިން އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.