މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ ތައްޔާރަށް ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު "ވަން" އަށް މިރޭ ވިދާޅުވީ އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ބިލު ކޮންމެ ގޮތަކަށް ފާސްވެގެން ދިޔަނަމަވެސް އީސީ އޮތީ އިންތިހާބު ބާއްވަން ތައްޔާރަށް ކަމަށް ހަބީބު ވިދާޅުވިއެވެ.
"ރޯދަ މަހު ބާއްވަން ޖެހުނަސް އީސީން ވާންޖެހޭ ތައްޔާރިތައްވާނެ، އަދި ރޯދައިގެ ކުރިން ބާއްވަންވިޔަސް ތައްޔާރީތައް ވާނެ. އެހެންވެ މި ދަންނަވަނީ އިންތިހާބުގެ ކަންކަމަށް ތައްޔާރުވެފައިވާތީ ރޯދައިގެ ފަހުން ވެސް އިންތިހާބު ބާއްވަން އީސީން އޮތީ ތައްޔާރަށް،" ހަބީބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޯދަމަހު އިންތިހާބު ބާއްވާނަމަ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދު ވެދާނެ ކަމަށެވެ. އެއާ ހިލާފަށް ރޯދައިގެ ފަހުން އިންތިހާބު ބާއްވާނަމަ ވޯޓުލުމުގެ ކަންކަން ރައްޔިތުންނަށް ފަސޭހަވުމުގެ ސަބަބުން ގިނަބަޔަކު ވޯޓުލާނެ ކަަމަށް ބެލެވޭ ކަމަށް ހަބީބު ވިދާޅުވިއެވެ.
އީސީން ކުރިން ބުނެފައިވަނީ މަޖިލިސް އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ މިއަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަހާ ދިމާވާތީ، އާންމުންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިހާބު ފަސް ކުރެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.
އެގޮތަށް އީސީން ނިންމާފައިވަނިކޮށް މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެންނަން މިމަހުގެ 24 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައިފައެވެ.
ޝިފާއު ވިދާޅުވެފައިވަނީ އެ އިސްލާހު ހުށަހަޅާފައިވަނީ ރޯދަ މަހު ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައިވާތީ، އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އޮތް ބޮޑު ނުތަނަވަސްކަމާއެކު އިންތިހާބުގައި ރައްޔިތުންގެ ބައިވެރިވުން ކުޑަވެދާނެ ކަމަށް އޮތް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އޭނާ ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް 20 އިސްލާހެއް ގެނައުމަށް ހުށަހަޅައިފައެވެ.
އެގޮތުން ވޯޓު ނަގާ ދުވަހާއި ވަގުތާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގެ ށ. ގައި ވަނީ ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށެވެ.
"މި މާއްދާގެ ށ. ގައި ބުނެވުނު ހާލަތުގައި، އެ އިންތިހާބަކާ ގުޅޭ ހާއްސަ ގާނޫނުގެ ދަށުން ނުވަތަ މި ގާނޫނު ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވާނަމަ، މި މާއްދާގެ ށ. ގައި ބުނެފައިވާ ގޮތަށް އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެއެވެ." އިސްލާހުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު