ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ އެންމެ ފަހުގެ ޝިޕްމެންޓް ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ، މިހާރު އެ މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ރިވެޓްމެންޓް ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 78 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 24,343 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާއި، 14,412 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ކުރީގެ ހާބާ ބޭސިން ފުންކުރުން ހިމެނެއެވެ. އަދި 6,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ނެރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 414 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އޭގެ އިތުރުން 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ރޭމްޕެއް ހެދުމާއި، 2,291 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫޢަކީ 60.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ދިހަވަނަ ދުވަހުއެވެ.