މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހްޔާ ފޯރަމާއެކު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިސްލާމީ މަރުޒަކުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާކަހަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރަވާފައިވާ ކަމުގައެވެ.

"ވޭތުވެދިޔަ އަހަރުތަކުގައިވެސް މި ދާއިރާއަށް މި މޫސުމަށް ވަރަށް މުހިންމު އަހަންމިއްޔަތުކަމެއް ދީގެން ވަަރަށް އަގުހުރި ޕްރޮގްރާމުތަކެއް ކުރިއަށް ގެންގޮސްފައިވޭ. މި ޕްރޮގްރާމުތައް އިތުރަށް ތަރައްގީކޮށް އިތުރު ހަރުފަތަަކަށް ގެންގޮސް، ވީހާވެސް ފުޅާދާއިރާއެއްގައި ރަމަޟާންމަހުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ އަޒުމެއް. އެގޮތުން ތަފާތު ޕްރޮގްރާމުތަކެއް ކުރިއަށްގެންދިއުމަށް ފަރުމާކޮށްފައިވޭ. މީގެ ތެރޭގައި އިހްޔާ ފޯރަމްތަކާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދެވޭނެ. އަދި ޖަމިއްޔާ ޖަމާއަތްތަކަށް ހާއްސަ ވޯކްޝޮޕްތައް ކުރިއަށްގެންދެވޭނެ،" ޝަހީމް ވިދާޅުވިއެވެ.

ރަމަޟާން މަހުގައި މާލޭގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި، ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ތައްޔާރީ ކޭމްޕާއި އިހްޔާ ފޯރަމްގެ އަށް ފޯރަމަކާއި ދަރިވަރުންގެ އިހްޔާ ފޯރަމެއް ހިމެނެއެވެ. އަތޮޅުތެރޭގައި އިހްޔާ ފޯރަމް ބާއްވަން ކަނޑައަޅާފައިވަނީ ހަތް ރަށެއްގައެވެ. އެއީ ލ. ފޮނަދޫ، ބ. އޭދަފުށި، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށީ ސިޓީ އަދި އދ. މަހިބަދޫގައެވެ.

އޭގެ އިތުރުން ހަތް ދުވަހުގެ މުއްދަތަކަށް ބާއްވާ އައުޓްރީޗް ޕްރޮގްރާމަކާއި ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ރަމަޞާން މަހުގެ ހާއްސަ ގުރުއާން މުބާރާތް ވެސް މިއަހަރު ކުރިއަށްގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.