ހިޔާ ފްލެޓުތައް ހެދި ޗައިނާ ކުންފުނިން ރަސްމާލޭގައި 15،000 ހައުސިން ޔުނިޓު ހަދަން ހުށަހަޅައިފިއެވެ.

އިއްޔެ ބޭއްވި ކެބިނެޓު ބައްދަލުވުމަށް ފަހު ރައީސް އޮފީހުން އެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށް، ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، އެ ޕްރޮޕޯޒަލްއާ ގުޅިގެން ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން ހަރަދާއި އަދި ކޮލިޓީއާ ގުޅުންގުރި ކަންތައްތަކުގައި އިތުރަށް މަޝްވަރާ ރުމަށް ރަނގަޅު ކަމަށް ފެންނަ ކަމަށް އިކޮނޮމިކް ކައުންސިލުން ނިންމައި، އެކަން ކެބިނެޓާ ހިއްސާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިން ޔުނިޓު ހަދަން ނިންމާފައިވާކަން އާންމުކުރީ ހައުސިން މިނިސްޓަރު ޑރ. ހައިދަރު އަލީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ. އެކަމާގުޅޭ އިތުރު މައުލޫމާތު ސަރުކާރުން ފަހުން އާންމުކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ކުރީކޮޅު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމާއެކު 20 އެއްބަސްވުމެއް ވެފައި ވެއެވެ. އޭގެ ތެރޭގައި ރަސްމާލޭގައި ސޯޝަލް ހައުސިން ޔުނިޓް އިމާރާތްކުރުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެއެވެ. ރައީސްގެ ދަތުރުފުޅުގައި ޗައިނާގެ ބައެއް ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައި ވެއެވެ.

ފުށިދިއްގަރުން 1,280 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެއެވެ. އެއީ ހުޅުމާލެ ފޭސް 1 ފޭސް 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނައެވެ. އެތަނުން 11،970 ގޯއްޗާއި، ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ 26،500 ހައުސިން ޔުނިޓު ހެދުމަށް ވަނީ ނިންމައިފައެވެ. އިއްޔެގެ ޕްރެސްގައި ނާޒިމް ވިދާޅުވީ ރަސްމާލޭގައި ހަދާނީ މޮޑެލް ހައުސިން ޔުނިޓުތަކެއް ކަމަށެވެ.