ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ތަކަކަށް މަރުގެ އިންޒާރުދިން މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު "ވަން" އަށް ވިދާޅުވީ ބައެއް މެންބަރުންނަށް މަރުގެ އިންޒާރު ދީފައިވަނީ ރޭ ކަމަށެވެ. އެގޮތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ އަށާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށެވެ.
މީގެ އިތުރުން އިތުރު މެންބަރުންނަށްވެސް މަރުގެ އިންޒާރުދީފައިވާ ކަމަށާއި އެ މެންބަރުންގެ އާއިލާއަށްވެސް މަރުގެ އިންޒާރު ދީފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ.
"ރޭ 8 ޖެހި އިރެއްނު ޖަލްސާ އޮތީ. އޭގެ ކުރިން ނަންބަރަކުން ގުޅާފައި ޖަލްސާއަށް ދާނަމަ ނުވަތަ ގެއިން ނުކުމެއްޖިއްޔާ މަރާލާނެ ކަމަށް ބުނެ ބިރު ދައްކާފައިވަނީ. އާއިލާވެސް މަރާލާނެ ކަމަށްބުނެ ބައެއް މެމްބަރުންނަށް ބިރު ދައްކާފައިވަނީ،" އަނަސް ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މެންބަރުންނަށް ގުޅައި މަރުގެ އިންޒާރުދިން ނަންބަރުވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޮމިޝަނަ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު އަށް ގުޅުއްވައި މެންބަރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށްވެސް އަނަސް ވިދާޅުވިއެވެ.
އަނަސް އިތުރަށް ވިދާޅުވީ މެންބަރުންނާ ގުޅުންހުރި ކަމެއް ވުމުން، އެކަންކަން މަޖިލީހުންވެސް ބަލާނެ ކަމަށާއި އަދި އެމައްސަލަ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެމްޑީޕީގެ މެންބަރުން ތަކަކަށް މަރުގެ އިންޒާރު ދީފައި މިވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެ ޕާޓީން ނިންމާފައިވަނިކޮށެވެ. އިއްޔެ ބޭއްވި ޖަލްސާގައި އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ދެ ޕާޓީ، ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިންގައި މާރާމާރީ ވެސް ވަނީ ހިންގައިފައެވެ.
މެންބަރުންގެ ދެމެދު ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައި ވަނީ ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމަށް މެންދުރު 1:30ގައި ވޯޓަށް އަހަން އޮއްވައެވެ.
ރުހުން ދިނުމުގެ ޖަލްސާ ފަށަން މެންބަރުން މާލަމަށް ވަންނަވަން ވަޑައިގެންނެވި އިރު، ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތިއްބެވީ ދޮރުތައް ތަޅުލައްވައިއިގެންނެވެ. އަދި ބައެއް މެންބަރުން އިދާރީ މޭޒު ކައިރީގައާއި މަޖިލިސް ރައީސް އިންނަވާ މަޖިލީހުގެ ރިޔާސަތުގެ ތެރޭގައި ވެސް ތިއްބެވިއެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ތެރެއިން އެމްޑީޕީން މިފަހުން ޕީއެންސީއަށް ސޮއިކުރެއްވި ކަނޑިތީމުގެ ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އިންނެވީ މަޖިލިސް ރައީސް އިންނަވާ ގޮނޑީގައެވެ. އޭގެ އިތުރުން މެންބަރުން ވޯޓުލާން ބޭނުންވާ ކާޑުކޮޅުތަކާއި ބައެއް މޭޒުތަކުގައި ހުރި މައިކުތައްވެސް ސަރުކާރު މެންބަރުން ނެންގެވިއެވެ. އެކަމާ ގުޅިގެން މަޖިލިސް ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނުވިއެވެ.
އޭގެފަހުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލިސް ތަޅުމަށް ވެންނެވިއެވެ. އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވެސް ތަޅުމަށް ވަންނަވައި ރިޔާސަތަށް ވަޑައިގެންނެވިއެވެ. އެ ހިސާބުން މެންބަރުންގެ މެދުގައި އަރައިރުން ބޮޑުވެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.
މާރާމާރީ ހިންގީ މެންބަރު ޝަހީމާއި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު، އަސްލަމް އިންނެވި ގޮނޑި ކައިރިއަށް ވަޑައިގެން އެ ގޮނޑިން އަސްލަމް ނަންގަވަން އުޅުއްވުމުން އެމްޑީޕީގެ މެންބަރުން އެތަނަށް ވަޑައިގެން އެކަމަށް ހުރަސް އަޅުއްވައި އެ މެންބަރުން އެތަނުން ދުރަށްލާން އުޅުއްވުމުގެ ތެރޭގައެވެ.
ސަރުކާރުގެ މެންބަރުންނަށް ހުރަސް އަޅަން އުޅުއްވި މެންބަރުންގެ ތެރޭގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ހިމެނިވަޑައިގަންނަވައެވެ.
އެ މައްސަލަގަނޑުގެ ތެރެއިން ދެ ޕާޓީގެ އިތުރު މެންބަރުން އެތަނަށް ވަޑައިގެން އެއްބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގިއެވެ. އެ ހާދިސާގެ ތެރޭގައި އަހުމަދު އީސަ އާއި އަބްދުﷲ ޝަހީމްއާ ދެމެދު ހިނގި ކުރިމަތިލުމުގައި ޝަހީމުގެ ކަންފަތާ ދިމާލުން ފަޅައިގެންގޮސް ވަނީ ޒަހަމްވެފައެވެ. އެ އަނިޔާއާ ގުޅިގެން ފަރުވާ ދިނުމަށް ޝަހީމް ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު