ގއ. ވިލިނގިލިން ޕާޓޫސިސް (ހޯއްގޮވާ ކެއްސުން) ބައްޔަށް އިތުރު ކުއްޖަކު ޕޮޒިޓިވްވެއްޖެއެވެ.
ވިލިނގިލިން ހޯއްގޮވާ ކެއްސުމަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ތިން ކުއްޖެކެވެ. އެ ރަށުން ހޯއްގޮވާ ކެއްސުން ފެނިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ ހޯއްގޮވާ ކެއްސުމުގެ އިތުރު ކޭސްއެއް ވިލިނގިލިން އިއްޔެ ފެނިފައިވާ ކަމަށާއި އެ ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްއެއް ކަމަކަށް ބެލި ބެލިމުން އަދި އެންގިފައިނުވާ ކަމަށެވެ.
ވިލިނގިލީގައި ބަލި ފެތުރުން، މަދުކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލުގައި ޓާސްކްފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދިނުމާއި ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ، ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އެޗްޕީއޭ އިން ވަނީ އެ ބަލިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފައެވެ.
- މާސްކް އަޅައިގެން އުޅުން، ޚާއްސަކޮށް އަލާމާތެއް ހުރިނަމަ މާސްކް އެޅުން އަދި އަލާމާތެއް ހުރިނަމަ ސްކޫލަށް ނުވަތަ އޮފީހަށް ނުވަތަ މީހުން ގިނަ ތަންތަނަށް ނުދިއުން އަދި ބަލި މީހުން ގާތަށް ނުދިއުން.
- އިންފްލުއެންޒާ އަދި ކޮވިޑް-19 ވެކްސިން ޖެހުން.
- ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕާޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުން.
- އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން.
އެޗްޕީއޭ އިން މީގެ ކުރިން ބުނެފައިވަނީ ހޯއްގޮވާ ކެއްސުމުން ރައްކާތެރިވުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން އެ ބަލި ރާއްޖޭގައި ކޮންޓްރޯލު ކުރެވިފައިވީ ނަމަވެސް ބަލީގެ ކޭސް ރާއްޖޭގައި ވަރަށް މަދުން ފެންނަމުންދާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު