ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނަމަވެސް، ހަމަ އެ ބޭފުޅުން އެ މަގާމުތަކަށް އަނެއްކާވެސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ކަމަށް އެ މަނިކުފާނުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭ މައްސަލައިގައި ރައްޔިތުންގެ މަޖިލިސް އިދާރާގެ ބޭރުގައި އިހުތިޖާޖުކުރަމުންދާއިރު، އެތަނަށް ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ތާކުން ތާކުންޖެހޭ ނިންމުމެއް ނޫން ކަމަށެވެ.

"މިއަދު ރުހުން ނުދީ ދޫކޮށްލާއިރަށް މިއަދު ހަމަ އެ މީހުން އެ ވުޒާރާތަކަށް އައްޔަން ކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވޭ. އެކަމެއް ނުހުއްޓުވޭނެ މިތަނަކަށް. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ މިއީ ވަރަށް ތާކުން ތާކުން ނުޖެހޭ ކަމެކޭ، ވަރަށް ޒިންމާދާރުކަން ކުޑަ ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ނުދިނުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވީ، ރުހުން ނުދޭން ނިންމި ނިންމުމަކީ ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަމަށާއި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުގެ ސަރުކާރުން ސުޕާ މެޖޯރިޓީ ހޯއްދަވާނެ ކަމަށެވެ.